މިމަހު 15 ވަނަ ދުވަހު އެމޭޒަން ޕްރައިމްއިން ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ވެބް ސީރީޒް "ތާންޑަމް" ގެ ދެވަނަ ބައެއްވެސް ނެރޭނެކަމަށް ޕްރޮޑިއުސަރ އަލީ އައްބާސް ޒަފަރު ބުނެފިއެވެ.

ކާމިޔާބު އެކްޓަރު ސައިފް އަލީ ޚާންގެ އިތުރުން ހުނަރުވެރި ބަތަލާ ޑިމްޕަލް ކަޕާޑިއާ ފެނިގެންދާ މިސީރީޒްއަކީ މިވަގުތު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ސީރީޒްއެވެ.

ފިލްމު "ޓައިގަރ ޒިންދާހޭ، ބާރަތު އަދި ސުލްތާން" ފަދަ ފިލްމުތައް ގެނެސްދީފައިވާ އަލީ އައްބާސް ބުނެފައިވަނީ "ތާންޑަވް" ގެ ފުރަތަމަ ސީޒަން އޭނާ ލިޔެ ތައްޔާރު ކޮށްފައިވަނީ މިޕެންޑަމިކްގެ ލޮކްޑައުންގެ ތެރޭގައި ގޭގައި ހޭދަކުރެވުނު ވަގުތު ތަކުގައެވެ.

އޭރުވެސް މީގެ ދެވަނަ ސީޒަންއަކާ ދޭތެރޭ އޭނާ ދިޔައީ ވިސްނަމުންކަމަށް ކާމިޔާބު ޕްރޮޑިއުސަރު ބުނެފައިވެއެވެ.

ސައިފް އަލީ ޚާން އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އަންނަން ކުރާ މަސައްކަތް ދައްކުވައިދޭ މިސީރީޒްއަށް ސައިފްއަކީ ޕްރޮޑިއުސަރުގެ އެންމެ ފުރަތަމަ ހޮވުންކަމަށް އޭނާވަނީ ބުނެފައެވެ.

ސައިފްއާއި ޑިމްޕަލްގެ އިތުރުން މީގެން ފެނިގެންދާ ބޮޑު ކާސްޓިންގައި ޑީނޯ މޯރިއާ، ސުނިލް ގްރޯވާ، ގޯހަރު ޚާން އަދި ކްރިތިކާ ކަމަރާގެ އިތުރުން ސާރާ ޖޭން ހިމެނެއެވެ.

މިއީ އަލީ އައްބާސްގެ ފުރަތަމަ ވެބް ސީރީޒްއެވެ. ހަމައެއާއެކު މިސީރީޒްއަކީ ސައިފްއާއެކު އަލީ އައްބާސް މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.

ސައިފްވަނީ މީގެކުރިން ނެޓްފްލިކސްއިން ގެނެސްދިން ކާމިޔާބު ސީރީޒް "ސެކްރެޑް ގޭމްސް" އިން ފެނިގެންގޮސްފައެވެ.