ގއ. ދާންދޫ އާއި އެއަތޮޅު ވިލިނގިލިން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނި ދެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ދެރަށަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެނައީ ދެއްވަދޫ ކުލަސްޓާއާ ގުޅުންހުރި ބަޔަކު ޕޮޒިޓިވްވެފައިވާތީ ކަމަށެވެ. އެގޮތުން ދާންދޫން ދެ މީހަކު އަދި ވިލިނގިލިން އެކަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ދާންދޫ އާއި ވިލިނގިލީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާ ފަށަފާއިވާ ކަމަށެވެ.
މި ކޭސްތަކާ ގުޅޭ އިތުރު ތަފްސީލު މިރޭ ބާއްވާ ޕްރެސް ކޮންފަރެންސްގައި ދޭނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތަކެއް ހުޅުމާލެއާއި، ލ. ގަމާއި ފޮނަދޫންވެސް ފެނިފައިވާއިރު، ގަމާއި ފޮނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ދެއްވަދޫ ކްލަންޓަރ އިން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
ދެއްވަދޫ ކްލަސްޓަރ އާއި ގުޅުންހުރި އިތުރު ބަޔަކު އެއަތޮޅު އެހެން ރަށްތަކެއްގައި އުޅެފާނެ ކަމަށް ބަލައި އެޗްޕީއޭއިން ދަނީ އެކި ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ނަގަމުންނެވެ.