އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓުތައް ގަވާއިދާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާކަމަށް ބަޔާންކޮށްފައިވާތީ، އެ އޮޑިޓް ރިޕޯޓުތައް ދިރާސާ ކުރަމުންދާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި އެ ހޮސްޕިޓަލުގައި ރެސްޕިރޭޓަރީ ޑިޕާޓްމެންޓު ހެދުމާއި އެތަނަށް ބޭނުންވާ ސާމާނު ގަތުމަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކް އާއި ހަވާލުކޮށް ކުރިއަށް ގެންގޮސްފައިވަނީ އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާ ކޯޓޭޝަނާ ހިލާފަށެވެ.

އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ވެރިކަމާއި 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި މިހާރުގެ ސަރުކާރުން ހަވާލުވުމާއި އެކު 2018 ޑިސެމްބަރު 3 ގައި މިހާރުގެ އެޑްމިނިސްޓްރޭޝަނުން ހޮސްޕިޓަލާއި ހަވާލުވެ، ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ހުރިހާ ޕްރޮޖެކްޓެއްވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދާ، ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ މައި ނާރެސް ކަމުގައި ވީހިނދު ހޮސްޕިޓަލުން ކުރިއަށްގެންދަންޖެހޭ ބައެއް ޕްރޮޖެކްޓުތަކަކީ ނުހަނު ހަލުވި ދުވެލީގައި ކުރިއަށް ގެންދަންޖެހޭ ޕްރޮޖެކްޓުތަކެއްކަން އެ ހޮސްޕިޓަލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް މި ކަންކަމުގައި އިސްލާހު ކުރަންޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރައްވާ ކަންކަމާއި މިފަދަ ކަންކަމުގައި ދައުލަތުގެ އިދާރާތަކުން ދެއްވާ އިރުޝާދުތަކަކީ ހޮސްޕިޓަލުގެ އަދުގެ މެނޭޖްމަންޓުން ބަލައިގަންނަ އަދި އެއާއި އެއްގޮތަށް އަމަލުކުރަމުންދާ އިރުޝާދުތަކެއްކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

2018 ވަނަ އަހަރުގެ އައިޖީއެމްއެޗްގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން، އެހޮސްޕިޓަލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުއްދައަށް އެދި ފޮނުވި ސިޓީއާއިއެކު ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓްގެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ކޯޓޭޝަނާއި ޚިލާފަށް މަސައްކަތް ކޮށްފައިވެއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ އިތުރަށް އެހެނިހެން މަސައްކަތްތައް ހިމެނޭ ގޮތަށް ހުއްދަ ހޯދި ކޯޓޭޝަނުގެ ބަދަލުގައި، އައު ކޯޓޭޝަނެއް ހޯދައި މިނިސްޓްރީ އޮފް ފިނޭންސްއިން ހުއްދަދިން އަގަށްވުރެ 1,276,023 ރުފިޔާ ބޮޑުކޮށް އައިޖީއެމްއެޗުން މިމަސައްކަތްކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ރެސްޕިރޭޓަރީ ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ހޯދުމުގައި 1,276,023 ރުފިޔާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ހަރަދުކޮށްފައިވުމާއި، ތަކެތީގެ ތަފްޞީލު އެއްބަސްވުމުގައި ހިމަނާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.52 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ދެފަރާތުން ސޮއިކުރާ އެއްބަސްވުމުގައި މަސައްކަތް ނިންމަންވީ ގޮތާއި ފެންވަރު ބަޔާންކުރަންވާނެކަމަށެވެ. އަދި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.28 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޕްރޮކިއުމަންޓުގެ ކަމެއް ކުރަންފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފްސީލުކޮށް ލިޔުމުން އެނގެން އޮންނާނެގޮތަށް ތައްޔާރުކުރަންވާނެކަމަށެވެ. އެގޮތުން ތަކެތި ގަންނަނަމަ، ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި ތަފްސީލާއި އަންދާޒާ އަގު، މަސައްކަތެއްނަމަ ބިލް އޮފް ކުއަންޓިޓީ އާއި ކުރެހުމާއި ސްޕެސިފިކޭޝަނާއި، އަންދާޒާ އަގު އަދި ހިދުމަތެއްނަމަ އެހިދުމަތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އަންދާޒާ އަގު ލިޔެވިފައި އޮންނަންވާނެކަމަށެވެ.

އެހެންނަމަވެސް، އައިޖީއެމްއެޗުން ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައްކުރުމުގައި މި ގަވާއިދާއި އެއްގޮތަށް އަމަލުކޮށްފައިނުވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ވަނީ، ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް އައިޖީއެމްއެޗް އާއި ސިވެކް އާއި ދެމެދުވެފައިވާ އެއްބަސްވުމުގައި އިކުއިޕްމަންޓްތަކާއި މެޝިނަރީސް އަދި ފަރުނީޗަރުގެ ތަފްސީލު ފުރިހަމައަށް ބަޔާންކޮށްފައި ނުވާކަމަށެވެ.

އެހެންކަމުން، މި އެއްބަސްވުމުގެ ދަށުން ލިބިފައިވާ އިކުއިޕްމަންޓްސްތަކާއި މެޝިނަރީސް އަދި ފަރުނީޗަރުތަކަކީ އައިޖީއެމްއެޗުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފެންވަރުގެ ތަކެތިކަން ކަށަވަރުކުރެވިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެގޮތުން، އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓަށް އިކުއިޕްމަންޓާއި މެޝިނަރީސް އަދި ފަރުނީޗަރުތައް ހޯދުމަށް ޖުމުލަ 25,329,422 ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

އެމައްސަލައާއި ގުޅިގެން އިތުރަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރެސްޕިރޭޓަރީ ޑިޕާޓްމަންޓަށް ބޭނުންވާ ބައެއް އިކުއިޕްމަންޓާއި މެޝިނަރީސް އައިޖީއެމްއެޗަށް ލިބިފައިވާއިރު، އެތަކެތި އޮޕަރޭޓްކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި އެ އިކުއިޕްމަންޓާއި މެޝިނަރީސް އާއިއެކު ހޯދާފައިނުވުމުގެސަބަބުން، ޖުމުލަ 4,037,682 ރުފިޔާގެ ތަކެތި ބޭނުން ނުހިފި ގިނަ ދުވަސްވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން ވޮރެންޓީ ނުވަތަ ގެރެންޓީ ދޭ އަދި އެބާވަތުގެ މުދާ އެތެރެކޮށް ވިއްކުމުގެ މަސައްކަތް ނުކުރާ ފަރާތަކުން ތަކެތި ހޯދާފައިވުމާއި، ހިދުމަތް ލިބުނުކަން ކަށަވަރުނުކޮށް ފައިސާ ދައްކާފައިވުމާއި، ތަކެތި އޯޑަރުކޮށްފައިވާގޮތަށް ހަމަޔަށް ހުރިތޯ ނުބަލައި ތަކެއްޗާއި ހަވާލުވެ ފައިސާ ދައްކާފައިވުމާއި، ކޮންސަލްޓަންޓް ރިޕޯޓެއް ގަވައިދާ އެއްގޮތަށް ތައްޔާރުކޮށްފައިނުވުމާއި، ރިޓެންޝަން ފައިސާ ކަނޑާފައި ނުވުންވެސް އޮޓިޑް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި ގަވައިދާ ހިލާފަށް އެޑްވާސްގެ ގޮތުގައި ފައިސާ ދޫކޮށްފައިވުމާއި، ބައިބަޔަށް ބަހާލައިގެން ތަކެއްޗާއި ހިދުމަތް ހޯދާފައިވުމާއި، ބިންތަކާއި އިމާރާތްތައް ކުއްޔަށްދިނުމުގެ އެއްބަސްވުންތައް ހެދުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ދައުލަތަށް ނުލިބޭގޮތަށް އެއްބަސްވުން ހަދާފައިވުމާއި، ތިޖޫރީ ބާކީ ގަވައިދާ އެއްގޮތަށް ހަދާފައިނުވުމާއި، ހަރުމުދަލުގެ ރަޖިސްޓްރީ، ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމާއި، ސްޓޮކްގައި ހުންނަ ތަކެތި ބެލެހެއްޓުމުގައި ގަވައިދާ އެއްގޮތަށް އަމަލުކޮށްފައި ނުވުމާއި، ލިބެންޖެހޭ ފައިސާގެ ހިސާބުތައް ބަލަހައްޓާފައިނުވުމާއި، އަހަރުގެ ނިޔަލަށް އައިޖީއެމްއެޗުން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ މިލްކިއްޔާތާއި، މާލީ ޒިންމާތަކުގެ ބަޔާނުގައި ހިމަނާފައި ނުވުން ވެސް އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެެވެ.