އަމީނިއްޔާ ސުކޫލްގެ ޓީޗަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ސުކޫލުގައި ކޮވިޑް ބަލި ނުފެތުރޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަމީނިއްޔާ ސްކޫލުގެ ޓީޗަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާގުޅިގެން، އެ ސްކޫލުގެ ގިނަ ޓީޗަރުން ކަރަންޓިންކޮށްފައިވާ ކަމަށް ބައެއް މީޑިއަތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެކަމާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ކިޔަވާދެމުންދާ ހުރިހާ ސުކޫލެއްގައިވެސް، ކޮވިޑް-19އާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި، އެޗްޕީއޭއިން އަޅާފައިވާ އުސޫލުތަކާއެއްގޮތަށް އަމަލުކުރަމުންދާކަށެެވެ. އަދި އެކަން އެގޮތަށް ކުރަމުންދާކަން ޔަގީންކުރުމަށް އެމިނިސްޓްރީން ހާއްސަ ސަމާލުކަމެއްދޭކަމަށެވެ.

އެހެންކަމުން އަމީނިއްޔާ ސުކޫލުގެ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވީނަަމަވެސް، އެސުކޫލުގައި ބަލި ނުފެތުރޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ، ޕޮޒިޓިވްވި ޓީޗަރާއި، އެއްވެސް ދަރިވަރަކާއި ކޮންޓެކްޓް ވެފައިނުވާކަމަށެވެ. އެހެންމަވެސް ބައެއް ޓީޗަރުންނާ ކޮންޓެކްޓް ވެފައިވާތީ، ކޮންޓެކްޓްވި ޓީޗަރުން މިހާރު ކަރަންޓީން ކޮށްފައިވާކަމަށެވެ. އަދި އިތުރު ބަޔަކާއި ކޮންޓެކްޓް ވެފައިވޭތޯބެލުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ.

މިހާތަނަށް ކަރަންޓީންކޮށްފައިވަނީ ކިތައް ޓީޗަރުންކަމެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި ޓީޗަރު، އިތުރު ޓީޗަރުންނާ ދިމާވެފައި ވަނީ ސްކޫލުން ބޭރުގައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެެއެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު، މިމަހުގެ 10ވަނަ ދުވަހު ހުޅުވާފައިވާއިރު، ސްކޫލްތަކުގައި ކިޔަވައިދިނުމުގައި އަމަލުކުރާނެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ.

އެގޮތުން އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން އެއް ދަންފަޅިއަކަށް ކިޔެވުން ކުރިއަށްގެންދެވޭ ސްކޫލްތަކުގެ ދަރިވަރުން ކޮންމެ ހަފްތާއަކު 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދެ ދަންފަޅިއަށް ބަހާލައިގެން އިޖުތިމާއީ ގައިދުރުކަމާއެކު ކިޔެވުން ކުރިއަށް ގެންދެވޭނެ ޖާގައޮތް ސްކޫލްތަކުގައިވެސް ދަރިވަރުން 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ގައިދުރުކަންމަތީ ކިޔަވައިދިނުމުގެ ކަންކަން ހަމަޖެއްސެން ނެތް ސްކޫލްތަކުން ދެދުވަހުން އެއްދުވަހު ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން އަދި އޮންލައިންކޮށްވެސް ކިޔެވުން ކުރިއަށް ގެންދަން ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.