ގިނަ އަދަދެއްގެ ބަޑިއާއި، ގޮވާތަކެތި ގެންގުޅުނު ކަމަށްބުނެ ދެމީހެއްގެ މައްޗަށް ކުރި ދައުވާ އަލުން ބެލުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

މިމައްސަލަގައި ދައުވާކޮށްފައިވަނީ، ލ.ގަން ހިމާޔަތް، މޫސާ ޔޫސުފް އާއި މާލެ ދަފްތަރު ނަންބަރު 7102 ހަސަން ނަސީމްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން 2014 ވަނަ އަހަރު ވަނީ، މިމައްސަލާގައި ޝާމިލްވާ ދެމީހުންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމް ކުށުގެ ދައުވާ ޝަރީއަތުން ބެލިބެލުމުން، ދައުލަތުން ކޮށްފައިވާ ދައުވާގެ ތަހުގީގު މަރުޙަލާގައި، ހެކި ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަން ޝަރީއަތަށް އެނގިފައިވާތީ، އެދެމީހުންގެ މައްޗަށް ކުރި ދައުވާގައި، ދެމީހުންގެ މައްޗަށްވެސް އަދަބު ކަނޑައަޅާނެ ތަނެއްނެތްކަމަށް ހުކުމްކޮށް މައްސަލަ ނިންމާފައެވެ.

ދައުލަތުން ދައުވާކޮށްފައިވަނީ މޫސާ ޔޫސުފްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން، 28 ސެޕްޓެމްބަރު 2013 ދުވަހު 21:30 ހާއިރު ހަސަން ނަސީމް ކުއްޔަށް ހިފައިގެން އުޅޭ މ.އިރުދޯދި ގޭގެ ދެވަނަ ފަންގިފިލާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސްކުރިއިރު، އެގެއިން ގިނަ އަދަދެއްގެ ބަޑިއާއި، ގޮވާތަކެއްޗާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިފައިވާތީއާއި، މިމައްސަލައާ ގުޅިގެން، 5 އޮކްޓޯބަރު 2013 ދުވަހުގެ ވަގުތެއްގައި، ހަސަން ނަސީމް މަސައްކަތްކުރާ "ފަލިވަޅު ވެލްޑިންގ ވާރކްސް" ވޯރކްޝޮޕްގައި ހަސަން ނަސީމް މަސައްކަތްކުރާތަން ފުލުހުން ބަލައި ފާސްކުރިއިރު، އެތަނުން ބަޑިއާއި އެފަދަ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިފައިވާކަމަށް ބުނެއެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނާ ޚިލާފަށް ހެކި ހޯދިކަމަށް ދަށު ކޯޓުން ނިންމީ ބަޑިއާއި ގޮވާތަކެތި އުފަައްދަން ބޭނުންކުރާ ތަކެތި ފެނުނު ގެ ފާސް ކުރުމުގައި އެ ގޭގެ ވެރިފަރާތް ނެތީސް، އެތަން ފުލުހުން ފާސް ކޮށްފައިވާތީ ކަމަށެވެ.

ނަމަވެސް އެއީ ދައުވާ ލިބޭ ނަސީމު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށާއި ނަސީމު ނޫޅޭ ވަގުތުތަކުގައި ދައުވާ ލިބޭ މޫސަވެސް އެގެއަށް ވަދެ، އެގެ ބޭނުން ކުރަމުންދިޔަ ކަމަށް ހުކުމުގައިވާ ކަމަށެވެ.

ކޯޓު އަމުރުގެ ބޭނުމަށް ވެރިފަރާތް ކަމަށް ބަލަން ވާނީ އެތަނުގެ މައްޗަށް އެ ވަގުތު ބާރު އޮތް ފަރާތެއް ކަމަށް ބުނެ ހައި ކޯޓުން ބުނެފައިވަނީ، އެ އަމުރުގެ ދަށުން އެތަން ބަލައި ފާސްކުރި ވަގުތު އެތަނުގެ މައްޗަށް ބާރު އޮތް ފަރާތަކީ މޫސާ ޔޫސުފް ކަމަށާއި އެހެންވެ، އެތަން ފާސްކޮށް ހެކި ހޯދީ ގާނޫނާ ޚިލާފަށް ކަމަށް ނުބެލެވޭ ކަމަށެވެ.

ހައި ކޯޓުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ޤަޒިއްޔާގައި އެމައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް ވަޒަންކޮށް، މައްސަލައިގެ މައުޟޫއަށް ފައިސަލާކޮށްފައިނުވާތީ، އެމައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް ވަޒަންކޮށް، މައްސަލައިގެ މައުޟޫއާމެދު ފައިސަލާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ޤާނޫނުގެ 46 ވަނަ މާއްދާގެ ގެދަށުން މިމައްސަލަ ކްރިމިނަލް ކޯޓަށް ތަހްވީލުކުރުމަކީ އެންމެ މަޞްލަޙަތު ބޮޑު ގޮތްކަމަށް ދެކޭކަމަށެވެ.

އެެހެންކަމުން ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ، އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހަައްމަދު ނިޔާޒުގެ އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރި އެ ހުކުމުގައިވަނީ، އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.