ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާއަށް ހެދުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފިއެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއާއި، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން ޓެގްކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ބޮޑު ކަންނެއްލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ އެދުމަކަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަންއާއި މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށެވެ.
އެޔޫނިއަންގެ ފަރާތުން، ޖަމިއްޔާގެ މެންބަރުންގެ މަޝްވަރާއަށްފަހު 18 ކިލޯއިން މަތީގެ ކަންނެލި ގަންނަ އެންމެ ދަށް އަގަކީ 80 ރުފިޔާކަމަށް ހުށައަޅާފައިވާނެކަމަށެވެ. އަދި A ގްރޭޑްގެ ގޮތުގައި ގަންނަ ކަންނެލި ގަންނާނެ ދަށް އަގަކީ 100 ރުފިޔާ ކަމުގައި ހުށައަޅާފައިވާނެކަމަށެވެ.
ނަމަވެސް މިއަދަދުތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ހައްގުގައި އަޑު އުފުލައި، ކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް އުފެއްދާފައިވާ ޖަމްއިއްޔާއެކެވެ.
ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލްކުރުމާ ބެހޭ ޤަވާއިދު އެކުލަވާލާ ގެޒެޓްކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ފޮނުވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް މި ޤަވާއިދު ގެޒެޓްކޮށްފައެއް ނުވެއެވެ.