"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.

ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"

****

(8 ޖެނުއަރީ 2021 އާ ގުޅޭ)

ފިއްލަދޫ މީހުންނަކީ ފޯމާލި ކުޅިވަރަށް މުޅި ތިލަދުންމަތީގައިވެސް މަޝްހޫރު ބަޔެކެވެ. ފަނުން ހަދާ ފޯމާލި އެމީހުން ތައްޔާރު ކުރަނީ ވަރަށް ނަލަ ކޮށެވެ. އެއީ ބޮޑުބެރުޖެހުމާ، ފަރިއްސާއި ރައިވަރު ކިޔުމަށްވެސް ކުޅަދާނަ ބަޔެކެވެ. މުޅި ތިލަދުންމައްޗަށް ބަލައިލިކަމުގައި ވިޔަސް އެރަށުގެ ބައެއް މީހުންނަކީ އިސްކޮޅާ ރޫފަ ހުރި ބިޔާދަރު ބަޔެކެވެ. ރަށް ބޮޑުކަމުން މީހުން ނޫޅޭ ސަރަހައްދު ވަރަށް ބޮޑެވެ. ކާށީގެ ގޮތުން ތިޔާގި ރަށެކެވެ. ރަށުގެ ގޮއި އޮންނަނީ ވަރުވާއަށް ލިޔެދީފައެވެ.

ކައިވެނީގެ ކެއްކުމުގެ މަސައްކަތް ހެނދުނުން ފެށިގެން ފިއްލަދޫގައި ފޯރިއާއެކު ކުރިޔަށް ދެއެވެ. އިހަވަންދޫ މީހުން އައުމުން އިތުރަށް ފޯރި ހިފައިލައިފިއެވެ. މިހާރު ކެއްކުމުގެ މުގުލުގައި ހުރީ ހަލީމައެވެ. ތައްޔާރު ކުރެވެނީ ދިވެހިން ކައްކާ މީރު ކެއުންތަކެވެ. ކަނޑުކުކުޅާ، މުސައްމާ ރިހައެވެ. މަސްބަތާ މުގުރިހައެވެ. ދިވެހި ގޮތަށް ރޯސްކޮށްފައިވާ ކުކުޅެވެ. ރޫސިހާބަތާ ކަލިޔާބިރިންޖީއެވެ. ފެންފޮޅިއާއި ބަރަބޮލުގެ ހިކިރިހައެވެ. ފިޔާސަޓަންޏާއި ތޮރާސަޓަންޏާއި ހުތްއަނބުސަޓަންޏެވެ. މުގުބޮނޑިބަތާ، ބަނބުކޭލުބޮނޑިބަތެވެ. ދެން ހުންނާނީ ދުރާލާ ތައްޔާރު ކުރި ކަނަމަދު މެޓާގަނޑުތަކާ އޮޅުންސުވާލީގެ ވައްތަރުތަކެވެ. ތަރަފަނައެވެ. ބުއިމަކަށް ތައްޔާރު ކުރަނީ ކުރުނބާފަންޏެވެ.

ކައިވެނީގެ ހަފުލާ އޮތީ ރޭގަނޑު އިޝާ ނަމާދަށް ފަހުއެވެ. މިރަސްމިއްޔާތަށް ޚާއްސަ ހަރުގެއެއް ހަދާފައި ހުއްޓެވެ. މި ހަރުގެ ހަދާފައި ހުރީ ވަރަށް މޮޅަށެވެ. ދަގަނޑުހޮޅިޖަހައި އެހޮޅިތަކުގައި ކުލަކުލައިގެ ކަރުދާސް އޮޅައިފައި ހުއްޓެވެ. ހިޔާކޮށްފައި ވަނީ ސަތަރިންނެވެ. ދިވެހިރުކުގެ ބޮންތި ފަނުން ވަރަށް ނަލަކޮށް ތަފާތު އެއްޗެހި ހަދައި އެލުވާފައި ހުއްޓެވެ. ބިތްތަކުގައިވެސް ފަނުން ތަފާތު ގޮތްގޮތަށް އެއްޗެހިހަދައި ހަރުކޮށްފައި ވެއެވެ. ހަރުގޭގެ ކޮޅުބިތުގައި އަތުކުރެހުމުން ކައިވެނިވާ ދެމީހުންގެ ވަރަށް ނަލަ ފޮޓޯއެއް ބަހައްޓާފައި ހުއްޓެވެ. އެ ފޮޓޯއަކީ މުހައްމަދު ރަޝީދުގެ ބޭބެ ޢަލީ ރަޝީދު ކުރަހައިދިން ފޮޓޯ އެކެވެ. މުޅިހަރުގެއަށް ކުލަބޮކިލާ ޒީނަތްތެރި ކޮށްފައި ވެއެވެ. ހަރުގޭގެ ވަށައިގެން އެކި ދިމަދިމާގައި ހުރި ގަސްތައް ވަނީ ފެހިކުލައިން ދިއްލައި ލާފައެވެ. މިޖާފަތައް ދައުވަތު ދެވުނު މީހުންގެ ހެދުމުގެ ކުލައަކީ ހުދު ކުލައެވެ. ހަރުގެއަށް ވަންނަން އަންނަ މަގުވެސް އޮތީ ދޮންވެލިލައި ދެ ފަރާތުގައި ފާނޫޒު ބައްތި ބޭނުން ކޮށްގެން ދިއްލައި ލާފައެވެ. ކައިވެނިވާ ދެމީހުން ގެއިން ފެށިގެން ހަރުގެއަށް ގެނެވުނީ ވަރަށް އިއްޒަތުގައި ބެރުޖަހައި ނަށަމުންނެވެ. މި ކައިވެނި ބަތަށް މުޅިރަށުގެ އެންމެނަށް ދައުވަތު ދެވިފައި ވެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ފުދުން ތެރިކަންހުރި މީހުން ދައުވަތު ދޭގޮތެވެ.

ހަރުގެއަށް ވަންނަތަނުގެ ކަނާތް ފަރާތުގައި ވަރަށް ރީއްޗަށް ގަތައިލާފައި ހުރި ރޯނުފުރި އުދޯންޔެއް ހުއްޓެވެ. މި އުނދޯލީގައި ވަރަށް ރީތި ކުނަލެއް އަޅައިފައި އޮތެވެ. ބިތްދޮށުގައި ކަންނޭލެކެވެ. ދެ އަރިމަތީގައި ދެ ބާލީހެވެ. މިއީ ކައިވެނިވި ދެމީހުން އިށީނުމަށް ޓަކައި ތައްޔާރު ކުރެވުނު އުނދޯއްޔެކެވެ. ހަރުގޭގެ ވާތްފަރާތުގައި ފަރިހި ކިޔާ ޓީމުގެ މެންބަރުންނެވެ. އެއީ ދޮށީ ޢުމުރުގެ މީހުންނެވެ. އެކަމަށް މުޅި އަތޮޅަށްވެސް މަޝްހޫރު ތިންފުޅި ގުރޫޕެވެ. މިރޭ ފަރިހި ކިޔަން ނިންމީ ހަލީމާގެ ކައިވެނީގައިވެސް ފަރިހި ކިޔުން އޮތްކަމުގެ މައުލޫމާތު މުހަންމަދު ރަޝީދަށް ލިބިފައި ވާތީއެވެ. އެކަން އެންމެނަށް ހައިރާން ކުރާފަދަ ކަމަކަށް ހެދުމަށެވެ. ވަކިން ޚާއްސަކޮށް އޭނާގެ ލޯބިވާ މަންމައަށް އިތުރު އުފަލަކަށް ވާނެކަމަށް ހީކުރެވޭތީއެވެ. ހަލީމައަކީ ޅައިރު ވަރަށް ރީތިކޮށް ފަރިއްސާއި ރައިވަރު ކިޔައި އުޅުނު މީހެކެވެ. މިހާރުވެސް ޚާއްސަ މުނާސަބަތުތަކުގައި ވަރަށް މަދުން ފަރިހިކިޔައި އުޅެއެވެ. ރެކޯޑުކޮށްފައި ހުންނަ ފަރިހި މިހާރުވެސް ހަލީމަ ގެންގުޅެއެވެ. ހަސަންފުޅު ނިޔާވި ފަހުން އެކަނި ވެރިކަން ފިލުވުމަށް ތަންކޮޅެއް ގިނައިން ފަރިހި އަޑުއަހާކަން މުހަންމަދު ރަޝީދަށް ވަނީ ފާހަގަކުރެވިފައެވެ.

ކައިވެނި ކުރެވޭ ދެމީހުންވެސް މިރޭ އަޅައިގެން ހުރި ހެދުމަކީ މީގެ ސާޅީސްފަސް އަހަރު ކުރިން ހަލީމައާއި ހަސަންފުޅު ލީ ހެދުމެވެ. މުހަންމަދު ރަޝީދު ލައިގެންހުރީ ބޮޑު ގިރުވާނުއެޅި އަތްދިގު ހުދު ބުސް ގަމީހެކެވެ. އަދި ގޮޅިޖެހި ހުދު މުންޑެކެވެ. ބޮލުގައި ވަރަށް ރީތި ރަތްކުލައިގެ ތުރުކީ ތާކިހަލެކެވެ. ސަލްމާ ލައިގެން ހުރީ ލޭ ރަތްކުލައިގެ ލިބާ ހެކެވެ. ކަޅު ކަނޑިއްކެކެވެ. ބޮލުގައި އެއްއަރި މައްޗަށް ހުޅިޖަހައި ރުމާފަޅިއަޅާފައި ވާއިރު ފިޔާތޮށި ފިނިފެން މަލެއްވެސް ޖަހައިލާފައި ހުއްޓެވެ. ކަރުގައި ރަން ފައްޓަރު ބައެކެވެ. އެ ހެދުން މިއަދާ ހަމައަށް ހަލީމާ އޮތީ ރައްކާ ކޮށްފައެވެ. އެ ހެދުން އެ ދެ ކުދިންނަށް ވަރަށް ހެޔޮވަރެވެ. ހަގީގަތުގައިވެސް ހަލީމާގެ ދަރިފުޅު މުހައްމަދު ރަޝީދު ހަސަންފުޅާ ވަރަށް ވައްތަރެވެ. މިރޭ އަދި ވަކިން މާބޮޑަށްވެސް ވައްތަރު ހެން ހަލީމާއަށް ހީވެއެވެ. މި ހެދުމަކީ ހަލީމާމެންގެ ކައިވެނީގައި އެޅި ހެދުންކަން އެނގެނީ ހަލީމާ ފިޔަވައި ސަލްމާގެ މަންމައަށެވެ.

ކައިވެނީގެ ހަފުލާގައި އެންމެ މީހުން ގިނަވި ވަގުތު މުހައްމަދު ރަޝީދު އެ ހެދުމުގެ ސިއްރު ހާމަކޮށް އިއުލާނު ކޮށްލައިފިއެވެ. އަދި އެގޮތަށް އެކަން ކުރި ސަބަބުވެސް ވަރަށް އަސަރާއެކު ކިޔައި ދިނެވެ. އެއީ އޭނާގެ ބައްޕަގެ ހަނދާނުގައި ކުރި ކަމެއް ކަމަށާއި އޭނާގެ މަންމަދެކެ ވާލޯބީގެ އަގު ވަޒަންކުރާތީ ކަމަށެވެ. އަދި މިހަފުލާގައި ފަރިހި ކިޔާގޮތަށް ހަމަޖެއްސީވެސް މަންމައަށް ފަރިހި ރީތިވުމާ މަންމަގެ ކައިވެނީގައި ވެސް ފަރިހި ކިޔާފައިވާތީ އެކަމުގެ ހަނދާނެއްގެ ގޮތުގައިކަމަށް ވެސް ބުންޏެވެ. މިވާހަކަތައް އޭނާ ކިޔައިދިނީ މަންމަގެ އަތުގައި ހިފަހައްޓައިލައިގެން ހުރެއެވެ. ކައިރީގައި މުހަންމަދު ރަޝީދުގެ އެއްބަނޑު އެއްބަފާ ދެބޭބެއާއި ދައްތައާއި ކޮއްކޮވެސް ހުއްޓެވެ. މިވާހަކަތަކުން ހަލީމައަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރުވިއެވެ. ގިސްލެވި ރޯން ފެށުނެވެ. ދަރިފުޅު ގައިގައި އޮޅުލައި ގަނެވުނެވެ. އެވަގުތު މުހަންމަދު ރަޝީދު ވަރަށް އަސަރާއެކު ބުންޏެވެ.

"މިއީ ނަމޫނާ މަންމައެއް އަހަރެންގެ މަންމައަށް ޓަކައި އަހަރެން ފަޚުރުވެރި ވަން"

ހަފުލާގައި ތިބި އެންމެން ހޫނު އަތްތަލަބަޑި އެއްދިނެވެ. މިމަންޒަރު ބަލަން މިހަފުލާގައި އިބުރާހިމުވެސް ހުއްޓެވެ. އޭނާ އަތްޖަހަން ފެށި ގޮތަށް ހުއްޓައެއް ނުލައެވެ. މީހަކު އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލާފައި އަދިވެސް ހުއްޓައިލާކަށް ނުވޭހޭ ބުނީމާ ސިއްސައިގެން ގޮސް އަތްޖެހުން ހުއްޓައިލައިފިއެވެ.

އިބުރާހިމަށް މިރޭ ހަލީމަ ފެންނަނީ ޕަރީއެއްހެނެވެ. ކައިރިއަށް ދާހިތްވެސް ވެއެވެ. ނަމަވެސް މީހުން ގިނަވުމާ ހަލީމަ ނުރުހިދާނެހެން ހީވާލެއް ބޮޑުކަމުން ގާތަށް ދާކަށެއް ނުކެރުނެވެ. ދުރުގައި ހިންދިރުވައިލަދިރުވައިލަ ހުރީއެވެ.

ހަލީމައަށް ވެސް އެއްފަހަރު އިބުރާހިމު ފެނުނެވެ. ކުޑަކޮށް ހިތް ތެޅިލިއެވެ. އިބުރާހިމު އޭނާގެ ގާތަށް އަތުވެދާނެ ކަމުގެ ބިރަށް އަވަހަށް ފުރަގަސް ދީ އެހެން މީހަކާ ވާހަކަދައްކަން ފެށީއެވެ.

ހަފުލާގެ ފަހުގަޑީގައި އޮތީ ދެފަރާތުގެ އާއިލާ މީހުން ކެއުމާ ފޮޓޯ ނެގުމެވެ. ހުރިހާ ކަމެއް ނިމުނުތަނާހެން ކުއްލިއަކަށް މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ. ހަރުގެ ތެރޭގައި ތިބި މީހުންވެސް ބޭރަށް ނުކުމެވޭތޯ މަސައްކަތް ފަށައި ފިއެވެ. ދިއްލުމުގެ އަލިކަމަކަށް މިހާރު ފެންނަން ހުރީ ހަރުގެއަށް ވަންނަން އަންނަ މަގުގައި ހުރި ފާނޫޒުތަކެވެ. އޭގެ އަލިކަންވެސް ތެޔޮ ހުސްވަމުން ދާތީ ހުރީ ފަނޑުވާން ފަށައިފައެވެ. މިރެއަކީ މުހައްރަމް މަހުގެ 15 ވިލޭރޭކަމަށް ވިއަސް އުޑުމަތި ބަނަވަމުން ދާތީ ބިމަށް ފޯރަނީ މިލަހަނދުވަރެކެވެ. (ނުނިމޭ)

--

އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 5 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.