މި ޖެނުއަރީމަހުގެ 9 ވަނަ ދުވަހު ގއ. އަތޮޅު ފެރީ "ކޮއިމަލާ-4" އިން ދަތުރުކޮށްފައިވާ މީހުން ކަމާބެހޭ ފަރާތްތަކަށް އެކަން އަންގުމަށްފަހު ކަރަންޓީންވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގައިފިއެވެ.

އެޗްޕީއޭއިން ވަނީ، މިމަހުގެ 9 ވަނަ ދުވަހު ގއ. އަތޮޅު ފެރީން ދަތުރުކޮށްފައިވާ މީހެއް ވާނަމަ ވީ އެންމެ އަވަހަކަށް އެކަން އެރަށެއްގެ ސިއްހީ މަރުކަޒަށް އެންގުމަށް އެދިފައެވެ. އަދި 23 ޖެނުއަރީގެ ނިޔަލަށް ކަރަންޓީނުގައި ތިބުމަށް ވަނީ އެދިފައެވެ.

ކޮއިމަލާއިން ދަތުރުކުރި މީހުން އެކަން އަންގަން އެޗްޕީއޭއިން އެދިފައިވަނީ ގއ. ދާންދޫއިން ދެމީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅުންހުރި އިތުރު ތަފްސީލުތައް މިރޭ އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސްގައި ހިއްސާކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ގއ. ދެއްވަދޫއާ ގުޅުންހުރި ކޭސްތަކެއް އެ އަތޮޅު ދާންދޫ އަދި ވިލިނގިލިންވެސް ފެނިފައިވާކަމަށް އެޗްޕީއޭއިން މިއަދު ބުނެފައިވެއެވެ.

މި ދެރަށުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ދެރަށް މިހާރު ވަނީ މޮނިޓަރިންނަށް ލާފައެވެ. އަދި އެ ދެ ރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 4 ރަށެއް ވަނީ މޮނިޓަރިންނަށް ލާފައެވެ. އެއީ ގއ. ދާންދޫ، ގއ. ވިލިނގިލި، ލ. ގަން އަދި ލ. ފޮނަދޫއެވެ. އަދި ދެއްވަދޫވެސް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ދެއްވަދޫ ކްލަސްޓަރއިން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.