މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން ޖެންޑަރ މިނިސްޓަރ ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކުރައްވަން ފަށްޓަވައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.

އެގޮތުން ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިނިސްޓަރ ޒިޔާރަތް ކުރައްވަމުން ގެންދަވަނީ މިމަސައްކަތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީއާއި، ވަކިން ހާއްސަ ގޮތެއްގައި މިކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގައި ސީނިއަރ މެނޭޖްމަންޓުގެ ދައުރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓަރ މިއަދު ބައްދަލު ކުރައްވާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެލައިޑް އިންޝުއަރެންސް، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީނިއަރ މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެވެ.

މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެ ފަރާތްތަކުގެ އެއްބާރުލެއްވުން ބޭނުންވާކަން ފާހަގަކުރައްވައި، އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުންތަުގެ ތެރެއިން މާދަމާގެ ނިޔަލަށް ދައުލަތުގެ 15 އިދާރާ އަދި ކުންފުންޏަކާ ނޭޝަނަލް ޑްރަގް އޭޖެންސީއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ ތެރެއިން ބައެއް ބައްދަލުވުންތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އެތަންތަނަށް މިނިސްޓަރ ޒިޔާރަތްކުރައްވައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ އަވަސް ހައްލެއް ބޭނުންވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އިންތިހާއަށް އިތުރުވެފައިވާއިރު، މި ވަބާ މުޖުތަމައުން ފިލުވާލުމަށް މަސައްކަތް ކުރުމަކީ މުޖުމަތަމައުގެ އެންމެހާ ފަރުދުންގެވެސް ޒިންމާއެކެވެ.