ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 2،917 އަށް ދަށްވެއްޖެއެވެ.

މިއަހަރު ފެށުނުއިރު ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހުރީ ތިންހާހުން މަތީގައެެވެ.

އެހެންނަވެސް ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 2،917 އަށް ދަށްވެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ އިއްޔެ ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1،925 ފަތުރުވެރިން ކަމަށެވެ.

މިމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު 47.5 އިންސައްތައިން ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ މިހާތަނުގައި 72،262 ފަތުރުވެރިއަކު ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

އެހެންނަމަވެސް މިމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 37،926 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި މުއްދަތުގައި ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 10،002 އަށް އަރާފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އިންޑިއާއިން ޒިޔާރަތް ކޮށްފައިވާއިރު، އިންޑިއާއިން 5،727 ފަތުރުވެރިން މިމުއްދަތުގައި ޒިޔާރަތް ކޮށްފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިންގެ އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 578 ތަނަކުން މިވަގުތު ހިދުމަތް ދެމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި 141 ރިސޯޓަކާއި، 11 ހޮޓަލެއް އަދި 133 ސަފާރިއެއްގެ އިތުރުން 293 ގެސްޓްހައުސް ހިމެނެއެވެ.

މި ތަންތަނުގައި 42،244 ބެޑް ކެޕޭސިޓީ އެބަހުރިކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މީގެތެރެއިން 32،636 އެނދު ރިސޯޓުތަކުގައި އޮޕަރޭޓް ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އެނދު އޮޕަރޭޓް ކުރަމުންގެންދަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 5،574 އެނދެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓުއަރިޒަމް މިނިސްޓްރީން ދިންފަހުން މިހާރު ތިންމަސް ވާން ކައިރިވެފައިވާއިރު، މިވަގުތު އެންމެ ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގަމުންދަނީ ކ. އަތޮޅުގައި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ކ. އަތޮޅުގައި 131 ގެސްތްހައުސްއެއް ހިންގަމުންދާއިރު، މި އަތޮޅުގައި އެކަނިވެސް 3،130 އެނދުގެ ހިދުމަތް ދެމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރާ އަޅާ ބަލާއިރު ބޮޑުތަނުން ދަށްވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ޜާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް ޓުއަރިޒަމް މިނިސްޓްރީން ވަނީ މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

މި އަމާޒަށް ވާސިލްވުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ވިޒިޓް މޯލްޑިވްސްއިން ވަނީ ނިންމާފައެވެ.