ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީން ކުރުމާބެހޭ އެއްބަސްވުމެއްގައި ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަން އާއި ދެމެދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ވިލާ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި، އަތަމާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ފައުންޑަރ އަދި ވައިސް ޗެއަރޕަރސަން އަލީ އަހްރުޝް އިބްރާހިމްއެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ.

މި ތަމްރީން ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި އަތަމާ ފައުންޑޭޝަނުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން، އެފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތަކެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވިިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވީ، ޓުއަރިޒަމް ދާއިރާގެ ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން ވިލާ ކޮލެޖުގައި ކިޔަވައިދެމުން އަންނަ ކަމަށެވެ. އެހެންކަމުން އަތަމާ ފައުންޑޭޝަނާއެކު ފެށުނު މިމަސައްކަތުން ވަރަށް ގިނަ ބަޔަކު ރަނގަޅު ފެންވަރުގައި ތަމްރީން ކުރެވޭނެ ކަމަށެވެ.

ވިލާ ކޮލެޖުން އެންމެ އިސްކަންދޭ ކަމަކީ ކޯސްތަކުގެ ކޮލިޓީކަން ފާހަގަކުރައްވާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ، ވިލާ ކޮލެޖުން ތަމްރީންވާ ދަރިވަރުންގެ ސްކިލްތައް ރަނގަޅުކުރެވޭތޯ އެކޮލެޖުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

އެެހެންކަމުން އަތަމާ ފައުންޑޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުދިން ތަމްރީންކުރާއިރު، އެކުދިންނަށްވެސް ރަނގަޅު ސްކިލްތަކެއް ދަސްކޮށްދޭނެކަމުގެ ޔަގީންކަން ޑރ. އަންވަރު ދެއްވިއެވެ.

އަތަމާ ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ފައުންޑޭޝަންގެ ފައުންޑަރ އަދި ވައިސް ޗެއަރޕަރސަން އަލީ އަހްރުޝް ވިދާޅުވީ ޓުއަރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ މިއަދު ދިވެހިރާއްޖޭގެ ތަރައްޤީ އެ ސިނާއަތަކަށް ވަރަށްބޮޑަށް ބަރޯސާވާ ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިއްމުކަމެއް ގޮތުގައި ދެކޭ ކަމަށެވެ.

ސްކޫލް ނިންމާ ކުދިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށް ޖެހިލުންވުން ނުވަތަ މަސައްކަތް ކުރުމަށް ބޭނުންނުވާ ސަބަބުތައް ދެނެގަތުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެއްކަމަކީ، ދާއިރާއާގުޅޭ ތަމްރީނުނެތި މިފަދަ ކުދީން މަސައްކަތުގެ މާހައުލަށް ނުކުންނަން ޖެހުންކަމުގަ އަލީ އަހްރުޝް އިބްރާހިމް ވިދާޅުވިއެވެ.

އަތަމާ ފައުންޑޭޝަނުން މި ޕްރޮގްރާމްތައް ހިންގުމަށް ވިލާ ކޮލެޖު އިޚްތިޔާރުކުރީ، ވިލާ ކޮލެޖަކީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި މިފަދަ ކަންކަން ހިންގުމުގައި އެންމެ ގާބިލު ކޮލެޖުކަމަށް ޤަބޫލުކުރެވޭތީ ކަމަށް އެފައުންޑޭޝަނުން ބުނެއެެވެ.

އަތަމާ ފައުންޑޭޝަނުން ވިލާ ކޮލެޖާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ" ކޯހުގައި ދިވެހި ޒުވާނުންގެ ތެރެއިން މިދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

4 މަސްދުވަހުގެ މުއްދަތަށް ހިންގޭ މި ކޯހުގެ ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ ކުރިއަށް ގެންދެވޭނީ ރިސޯޓުގައެވެ.

ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ ހޯދުމުގެ މަސައްކަތްތައް ވިލާ ކޮލެޖުން ވިލަރެސް ކުރާގޮތަށް ހަމަޖެހިފައިވާ މިޕްރޮގްރާމް އެންމެހާ ޚަރަދުތައް ކުރާގޮތަށް ހަމަޖެހިފާއިވަނީ އަތަމާ ފައުންޑޭޝަނުންނެވެ. މިގޮތުން ފަށާ ފުރަތަމަ ބެޗަށް ނެގުމަށް ހަމަޖެހިފަނީ 20 ދަރިވަރުންނެވެ.