އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19 ވައިރަހުގެ އައު ވޭރިއެންޓް ދުނިޔޭގެ 50 ގައުމަކަށް ފެތުރިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ހާމަކޮށްފިއެވެ.

ހަމަ އެއާއެކު، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ސްޓްރެއިން ދުނިޔޭގެ 20 ގައުމަކުން ފެނިފައިވާ ކަމަށްވެސް ޑަބްލިޔޫއެޗްއޯއިން ނެރުނު ހަފްތާ ރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި ކޮވިޑްވައިރަހުގެ މުޅިން އައު ވޭރިއެންޓެއް ޖަޕާނުންވެސްފެނި އެކަން ތަހްގީގު ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

ޖަޕާނުން ފެނިފައިވާ ވޭރިއެންޓަކީ އިންސާނާގެ ދިފާއީ ނިޒާމަށް ގެއްލުންދޭ ވޭރިއެންޓެއް ކަމަށް ބެލެވޭތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ހާމަކޮށްފައި ވެއެވެ.

ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، ކޮވިޑްބަލި ފެތުރުން އިތުރުވަމުންދާ ވަރަކަށް، ހާލަތަށް ބަދަލު އައުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި، ވައިރަސް ފެތުރުން ހަލުވިވާ ވަރަކަށް އިތުރު ވޭރިއެންޓް ފެނުމުގެ ފުރުސަތުވެސް ބޮޑުވެގެންދާ ކަމަށެވެ.

ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، ކޮވިޑްވައިރަހުގެ އައު ވޭރިއެންޓް ފެނިގެން އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ. އޭގެފަހުން ދުނިޔޭގެ އިތުރު 50 ގައުމާއި، ޓެރަރިޓަރީން މި ވޭރިއެންޓް ފެނިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

އެންމެ ފުރަތަމަ ފެނުނު ކޮވިޑް ވައިރަސްއެކޭ އެއްގޮތަށް، އަލަށް ފެނިގެންއުޅޭ ވޭރިއެންޓްވެސް ފެތުރެމުންދަނީ އެއް ބައެއްގެ މެދުގައިކަން ޓެސްޓްތަކުން ދައްކާ ކަމަށާއި، ނަމަވެސް، އައު ވޭރިއެންޓް މީހުންގެ މެދުގައި ފެތުރުމުގެ ސްޕީޑް ވަރަށް އަވަސްކަން ކޮންޓެކްޓް ޓްރޭސިންގުން ހާމަވާ ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ.

ކޮވިޑް ވައިރަހުގެ އައު ސްޓްރެއިންއެއް ފެނިގެން ދެކުނު އެފްރިކާއިން ޑަބްލިޔޫއެޗްއޯއަށް ރިޕޯޓްކޮށްފައިވަނީ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. އޭގެފަހުން ދުނިޔޭގެ 20 ގައުމާއި ޓެރިޓަރީން މި ސްޓްރެއިން ފެނިގެން ރިޕޯޓްކޮށްފައި ވެއެވެ.

ދެކުނު އެފްރިކާގައިވެސް އެންމެ ފުރަތަމަ ފެނުނު ކޮވިޑް ވައިރަހަށްވުރެ އައު ސްޓްރެއިން ފެތުރުން އަވަސްކަން ޑަބްލިޔޫއެޗްއޯއިން ފާހަގަކޮށްފައި ވެއެވެ.

ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް ޖަޕާނުން ފެނިގެން ޑަބްލިޔޫއެޗްއޯއަށް ރިޕޯޓްކޮށްފައިވަނީ ޖެނުއަރީމަހުގެ 9 ވަނަ ދުވަހުއެވެ.

އައު ވޭރިއެންޓް ފެނުނީ ބްރެޒިލްއިން އެނބުރި އައި ހަތަރު މީހެއްގެ ގައިން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ބޮޑު ދެމީހުންނާއި ކުޑަ ދެކުދިން ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާ ކޮވިޑް ވައިރަހުގެ އައު ވޭރިއެންޓާއި، ސްޓްރެއިންތައް ދިރާސާކޮށް، ތަހުލީލުތައްކޮށް، އަލަށް ފެންނަމުންދާ ވޭރިއެންޓްތަކުގެ ނުރައްކާތެރި މިންވަރު ދެނެގަތުމަށް ޑަބްލިޔޫއެޗްއޯއިން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ޑަބްލިޔޫއެޗްއޯއިން އިއްޔެވެސްވަނީ 1،750 ބައިނަލްއަގްވާމީ ސައިންސްވެރިން ހިމަނައިގެން ބައްދަލުވުމެއް ބާއްވާފައެވެ.

ޑަބްލިޔޫއެޗްއޯގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ ވެރިޔާ އަނާ މާރިއާ ހެނައޯ ރެސްޓްރެޕޯ ވިދާޅުވީ، މި ދިރާސާތަކުގެ ބޭނުނަކީ، އަލަށް ފެންނަ ވޭރިއެންޓްތައް ވީހާވެސް އަވަހަކަށް ދެނެގަނެ، ފެތުރުން ހުއްޓުވުން ކަމަށެވެ.