ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަދި އެއަރޕޯޓާ ގުޅިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ބުރަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެ މަނިކުފާނު މިއަދު ހަވީރު ވަނީ ވީ.އައި.އޭ.އަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި މަސައްކަތްކުރައްވާ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް މިދިޔަ އަހަރު އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ސްޕީޑް ވަނީ އޭގެ ކުރީ އަހަރަށްވުރެ ބޮޑުތަނުން ހަލުވިކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ފުރަތަމަ މަހުގެ ނިޔަލަށް ޕީކް ސީޒަންގައި ފްލައިޓްތަކުގެ ހަރަކާތްތައް ވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.ވީ.އައި.އޭ.އަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލްއާ ޓަރމިނަލްގެ ބެގޭޖް ކްލެއިމް އޭރިޔާއަށް ވަޑައިގަންނަވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި، އެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ކޯވިޑްގެ ހާލަތުގައި އެ މުވައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ޚިދުމަތްތެރިކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އެ މުވައްސަސާތަކަށް ކުރިމަތިވާ ދަތިތައް އޮޅުއްފިލުއްވައި، ކުރިއަށް އޮތް ތަނުގައި ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ސްޕީޑް އަވަސްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ. އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެއަރޕޯޓުގެ ފިއުލް ފާމް، ކާގޯ ޓަރމިނަލް، ކާރގޯ ޖެޓީ، އޭޕްރަން، ވީ.އައި.ޕީ. ބިލްޑިންގ އަދި ސީޕްލޭން ޓަރމިނަލަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއެވެ. އަދި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފު ކުރެއްވިއެވެ.

‎ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމްގެ ގިނަ މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ޖެޓް އޭވަން) އެއަރޕޯޓުގައި ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން، ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު 1 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. ހަމައެއާއެކު، ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ.

ކާގޯ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ކާގޯ ބިލްޑިންގްއާއި ކާރގޯ ހާބަރުގެ އިތުރުން ކަމާގުޅޭ އޮފީސްތައް ބިނާކުރުން ހިމެނެއެވެ. މިހާރު އަހަރެއްގެ މައްޗަށް 50،000 ޓަނު ކާގޯގެ މުޢާމަލާތްތައް ކުރާ ޓަރމިނަލް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ނިމުމުން، އެ އަދަދު 120،000 ޓަނަށް އިތުރުވެގެންދާނެއެވެ.

‎އެއަރޕޯޓްގެ އޭޕްރަން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް އިތުރުކުރި އޭޕްރަންގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ ކުރީގެ އޭޕްރަން އައުކުރުމުގެ މަސައްކަތެވެ. އޭޕްރަންތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އޭޕްރަންގައި ޕާކިން ސްޕޭސްގެ ގޮތުގައި ބޭނުންކުރަމުންދިޔައީ 86،000 އަކަމީޓަރުގެ ސަރަޙައްދެކެވެ. ނަމަވެސް މި މަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމޭއިރު އެއަރޕޯޓްގައި މަތިންދާބޯޑު ޕާކުކުރެވޭ ޖާގަ 212،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ.

ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވީ.އައި.ޕީ. އަދި ސީ.އައި.ޕީ.ގެ ޖާގަ ވެސް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. ހަމައެހެންމެ މިހާރުގެ ޕަސެންޖަރ ޓަރމިނަލް އަކީ 26،000 އަކަމީޓަރުގެ ޖާގައިގެ ތަނެއް ނަމަވެސް، މުޅި ޓަރމިނަލްގެ މަސައްކަތް ނިމުމުން އެ ތަނުގެ ޖާގަ 78،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ވީ.އައި.އޭ.ގެ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތްތަކުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެ ތަނަށް ސީޕްލޭންގެ އޮޕަރޭޝަންތައް ބަދަލުކުރެވުމުން ސީޕްލޭން އޮޕަރޭޝަނަށް ލުއިފަސޭހަކަން ލިބުމުގެ އިތުރުން ވެލާނާ އެއަރޕޯޓްގެ މައި ރަންވޭ ބޭނުންކުރަން ފެށި، މުޅި އެއަރޕޯޓްގެ އޮޕަރޭޝަން އިތުރަށް ފުރިހަމަވެގެން ދާނެއެވެ. ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަޝްރޫޢެކެވެ.