ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޗީފް އޮމްބަޑްސްޕަރސަންގެ މަގާމަށް ބޭފުޅަކު، އޮމްބަޑްސްޕަރސަންގެ މަގާމަށް 2 ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޗީފް އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅަކީ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފްއެވެ.

އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޒާ ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާއެވެ.

މި ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވާފައިވަނީ އިންތިގާލީ އިންސާފުގެ ގާނޫނު ގެ 6 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޗީފް އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަންކުރެއްވި އަބްދުއްސަލާމް އާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭނާއަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަންކުރެއްވި އަލްއުސްތާޒާ ޖިހާދާ އަނީސް އެންމެފަހުން އަދާކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމެވެ. އޭގެކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ.

އަލްއުސްތާޒާ ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައިއެމްއޯ އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓަރސް އޮފް ލޯސް އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.

އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަންކުރެއްވި މަރްޔަމް ލައިޒާ މީގެކުރިން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރަރއެއްގެ މަގާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާކުރައްވާފައެވެ.

މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.