ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް، ޙަގީގަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދަޅުވީ، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ތޮއްޖެހިފައި އޮތް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ސިންތެޓިކް ދުވާ ޓްރެކަކީ، ދޮށީ އުމުރުގެ ފަރާތްތަކަށްވެސް، ރައްކާތެރިކަމާއެކު ހިނގައި ކަސްރަތު ކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާތަނަށް ކަސްރަތު ނުފަށާ ފަރާތްތައްވެސް އެތަނައްގޮސް، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރުކަމީ ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ.
ރާއްޖެގެ ޒުވާން ކުޅުންތެރިން، ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދެއްނޫން ކަމަށާއި، އެހެންނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްޤީކުރެވިފައި ނެތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ކުރެވިފައެއް ނެތްކަމަށެވެ.
އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު، މާލޭގެ ފަތާ ޓްރެކް އޮތްގޮތް ހުރިހާ އެންމެނަށްވެސް ފެންނާނެ ކަމަށާއި، އަތްވާއި ވާރެއިން ހިޔާވެވޭނެ ގޮތެއް އެތަނަކު ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަށީގެންވާ ޗޭންޖިންގ ރޫމެއްވެސް ނެތްކަމަށާއި، އެއީ، ފަތަންދާ މީހުންނަށާއި، ފެތުމުގެ މުބާރާތްތަކަށް ފަރިތަކުރާ އެތުލީޓުންނަށްވެސް އެކަށީގެންވާ ގޮތަކަށް އޮތްތަނެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެތަން ތަރައްޤީކުރުމަށް ކުރިއަށްދާ މަޝްރޫއު، އަންނަ މަހުގެ ކުރީކޮޅު ނިމުމަކަށް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިންގ ރޫމްތަކާއި، ފާޚާނާއާއި، ފެންވަރާނެ ތަންތަން އެތަނުގައި ހުންނާނެ ކަމަށާއި، އޭރުން އެތަން ބޭނުންކުރުމުގައި މިހާރު ދިމާވާ ވަރަށް ގިނަ މައްސަލަތައް ހައްލުވެ، އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެެވެ.
ރައީސް ވިދާޅުވީ، ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް ގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ޤައުމީ ކަސްރަތު މުބާރާތްތަކާއި، ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، އެތައް ގުނައަކަށް ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރު ކުރުމަށްވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.
މިއީ ވަރަށް ދީލަތި ފަރާތްތަކެއްގެ އެހީތެރިކަމާއެކު، ފުރިހަމަކުރެވުނު ވަރަށް ބޮޑު މަސައްކަތެއްކަން ފާހަަގަކުރައްވާ، ރައީސް ވަނީ އިޖުތިމާއީ ޒިންމާގެ ދަށުން، ޓްރެކްގެ ބިންގަނޑު އެއްވަރުކޮށް، ސަބް ބޭސް ތައްޔާރުކޮށް، ކޮންކްރީޓްގެ މަސައްކަތްތައް ކޮށްދިން، އާރުކޭއެލް ގުރޫޕަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިންތެޓިކް އެޅުމުގެ މަސައްކަތްކުރި ޕޮލިސް ވެލްފެއަރ ކުންފުންޏަށްވެސް ޝުކުރުއަދާކުރެއްވިއެވެ.