ބޮލީވުޑްގެ އެންމެ މަގުބޫލު އެއްޖޯޑު ކަމަށްވާ އެކްޓަރު ވަރުން ދަވަންއާއި، ދުވަސްވީ ލޯބިވެރިޔާ ނަތާޝާގެ ކައިވެނީގެ ވާހަކަ ދެކެވެމުން އަންނަތާ 4 ވަރަކަށް އަހަރު ވެފައިވަނިކޮށް މިދެމީހުންގެ ކައިވެނި މިމަހުގެ 24 ވަނަ ދުވަހު ކުރަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދާދިފަހުން ވަރުން މެހެމާނެއްގެ ގޮތުން ބައިވެރިވި ކަރީނާ ކަޕޫރުގެ ރޭޑިއޯ ޝޯވް "ވަޓް ވިމެން ވޯންޓްސް" ގައި ވާހަކަ ދައްކަމުން ވަރުން ބުނެފައިވަނީ، އޭނާއާއި ނަތާޝާއާ ދެމީހުން މިވަގުތުތިބީ ކައިވެންޏަށް ތައްޔާރަށް ކަމަށެވެ. އަދި ދެމީހުން އެންގޭޖް ވެފައިވާކަމަށް ދޭހަވާގޮތަށް ވަރުންވަނީ ނަތާޝާއާ ދެމީހުންގެ ގުޅުން މީގެކުރިން ހިއްސާ ނުކުރާވަރަށް ތަފްސީލުކޮށް ހިއްސާކޮށްފައެވެ.
ޚަބަރު ލިބޭގޮތުގައި މިދެފަންނާނުންގެ ކައިވެނީގެ ހަފްލާތައް ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާ ހަމައަށް އަލީބާގްގެ ރިސޯޓެއްގައެވެ.
އިންޑިއާގެ މީޑީއާއިން ބުނެފައިވާގޮތުން ކައިވެނީގެ ރަސްމިއްޔާތުތަކަށް ރިސޯޓު އެއްކޮށްވަނީ ނަގާފައެވެ.
ކޮވިޑް-19 ގެ މިދަނޑިވަޅުގައި ކައިވެނި ކުރެވޭތީ ކައިވެނީގެ ހުރިހާ ހަފްލާތަކެއްވެސް ބާއްވާނީ ކޮވިޑް-19 އަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާވެސް އެކީގައެވެ.
ޚަބަރު ލިބޭގޮތުގައި ދެފަރާތުގެ އާއިލާގެ އިތުރުން ވަރުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ ޚާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވާ 40-50 އަދަދެއްގެ މެހުމާނުންނެވެ.
ވަރުންއާއި ނަތާޝާއާ ދެމީހުންނަކީ ދެމީހުންގެ ކޮލެޖް ދައުރުއްސުރެން ފެށިގެންވެސް ރަހުމަތްތެރިންނެވެ.
ދެމީހުން ލޯބީގެގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްވެފައިވާއިރު ނަތާޝާއަކީ ފިލްމީ ދާއިރާއާއި ވަރަށް ދުރުގައި އުޅެން ބޭނުން އެހާމެ ޕްރައިވެސީ ބޭނުންވާ ފަރާތެކެވެ.
ގިނަ ބަޔަކު ނަތާޝާ ފިލްމީ ދާއިރާއިން ފެނިގެން ދާނެކަމަށް އުއްމީދުކުރި ނަމަވެސް އޭނާއަކީ ހުނަރުވެރި ފެޝަން ޑިޒައިނަރެކެވެ. ފިލްމީ ދާއިރާއާ އެއްގޮތަކަށްވެސް ގުޅެން ބޭނުންނުވާކަމަށް އޭނާވަނީ މީގެކުރިންވެސް މީޑީއާތަކުގައި ބުނެފައެވެ.
ވަރުންއާއި ނަތާޝާގެ ކައިވެނި ވެގެންދާނީ މިއަހަރު ބޮލީވުޑްއިން ފެނިގެންދާނެ އެންމެބޮޑު އެއް ކައިވެންޏަށެވެ.
މިކައިވެނީގެ ހަފްލާގައި ބައިވެރިވާނެކަމަށް ބެލެވޭ ސެލެބްރިޓީންގެ ތެރޭގައި އެކްޓަރު އަރުޖުން ކަޕޫރު، އަނިލް ކަޕޫރު، ހަރްޝް ވަރްދަން ކަޕޫރު، ކަރަން ޖޯހަރު، މަނީޝް މަލްހޯތްރާ، މަލައިކާ އަރޯރާ، ޖާންވީ ކަޕޫރު، ނީތޫ ކަޕޫރު އަދި ކިއާރާ އަދްވާނީ ހިމެނެއެވެ.
މީގެއިތުރުން ސަލްމާން ޚާންއާއި ކެޓްރިނާ ކައިފްވެސް ހާއްސަ މެހެމާނެއްގެ ގޮތުން ކައިވެނީގެ ހަފްލާގައި ބައިވެރިވާނެކަމަށް މީޑިއާއިން އަންނަނީ ބުނަމުންނެވެ.
ވަރުން ދާދިފަހުން ފެނިގެން ގޮސްފައިވަނީ ވަރުންގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "ކޫލީ ނަމްބަރ -1" އިންނެވެ.