އެކްޓަރު ޖޯން އަބްރަހަމް އަދި އިމްރާން ހާޝްމީ މެއިން ލީޑްއިން ފެނިގެންދާ ފިލްމު "މުމްބައި ސާގާ" އެމޭޒަންއަށް ވިއްކާލައިފިއެވެ.

ގޭންގް ސްޓަރ ޑްރާމާއެއްގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކޮށްފައިވާ މިތްރިލަރ ފިލްމު ޑިޖިޓަލް ޕްލެޓްފޯމް އެމޭޒަން ޕްރައިމްއިން ގަނެފައިވަނީ 65 ކްރޯޑް އިންޑިއަން ރުޕީސްއަށެވެ.

އިންޑިއާގެ ސިނަމާތައް ކޮވިޑް-19 ގެ ގައިޑްލައިންތަކާ އެކީގައި އާއްމުންނަށް ހުޅުވާލާފައި ވީނަމަވެސް މިފިލްމުގެ ޑައިރެކްޓަރ ސަންޖޭ ގުޕްތާ ބޭނުންވީ ފައިދާހުރި ގޮތަކަށް ފިލްމު ޑިޖިޓަލް ޕްލެޓްފޯމްއަކަށް ދޫކޮށްލުމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރ ބޫޝަން ކުމާރު ބުނެފައިވަނީ މިފިލްމުގެ ޓްރެއިލަރއާއެކު ފިލްމު ޕްރިމިއަކުރާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.

ފިލްމުގައި ޖޯން އަބްރަހަމް ގޭންގް ސްޓަރއެއްގެ ރޯލުން ފެނިގެންދާއިރު އިމްރާން ހާޝްމީ ފެނިގެންދަނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

މިދެ އެކްޓަރުންގެ އިތުރުން ފިލްމުގެ ކާސްޓުންގެތެރޭގައި، އެކްޝަން ބަތަލު ސުނިލް ޝެޓީ، ޖެކީ ޝްރޮފް، ރޯހިތު ރޯއި، ގުލްޝަން ގްރޯވަރގެ އިތުރުން ބަތަލާ ކާޖަލް އަގަރްވަލް ހިމެނެއެވެ.

ފިލްމު "މުމްބައި ސާގާ" ޑިޖިޓަލް ޕްރިމިއަރއަކަށް ތައްޔާރުވެފައިވާއިރު ބޮލީވުޑުގެ ކުރިއަށްހުރި ގިނަ ފިލްމުތަކެއްވެސް ދަނީ ޑިޖިޓަލް ޕްރިމިއާއަކަށް ދިއުމަށް ތައްޔާރު ވަމުންނެވެ. އޭގެތެރޭގައި، އެކްޓަރު ކާރތިކް އަރްޔަންގެ "ދަމާކާ" އަދި އިންޑިއާގެ ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވަލްގެ ބައޯޕިކް ހިމެނެއެވެ.