ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޝަރުއީ ކޯޓުތަކާއި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެއްބާރުލުން ދިނުމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒް މިއަދު ގޮވާލައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ މިގާނޫނަށް އިސްލާހު ގެނައި ކަމުގައި ވީނަމަވެސް އިންތިޚާބު ބައްވަން އަދިވެސް ހައްލުކުރަންޖެހޭ ކަންތައްތައް އެބަހުޓެއްވެ. އެގޮތުން އިންތިޚާބާއި ގުޅިގެން ބައެއް ފަރާތްތަކުން ކޯތަށް ހުށަހަޅާފައިވާ މައްސަލަތަކަށް އަލިއަޅުއްވަލައްވަމަުން ނިޔާޒުވަނީ އެމައްސަލަތައް ވީހާވެސް އަވަހަކަށް ނިންމަންޖެހޭކަން ފާހަަގަ ކުރައްވާފައެވެ.

ނިޔާޒު ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން މިހާރުވެސް ކޯޓުގައި ތިން މައްސަލައެއް އެބައޮތް ކަމަށާ ގާނޫނުގައި ލިޔެގެން ކޯޓުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ. މިހާރު ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރޭގައި ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ހާއްސަކުރި މައްސަލައާއި، އަލުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލު ކުރި މައްސަލައެއް ހިމެނެ އެވެ.

ޕީޕީއެމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ނިޔާޒު ވިދާޅުވީ ޕީޕީއެމްގެވެސް ސީދާ ނިޔަތް ނޭނގޭ ކަމަށާ އެއް ދުވަހު ރަށްރަށް ލޮކްޑައުން ކުރަން ގޮވާލާ ބަޔާން ނެރުމަށް ފަހު އަނެއް ދުވަހު އިންތިހާބަށް ކެމްޕެއިން ކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނަމުންދާ ކަމަށެވެ.

ނިޔާޒް ވިދާޅުވީ ލޯކަލް ކައުންސިން އިންތިހާބާއި ގުޅިގެން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށްވެސް ބަދަލު ގެންނަންޖެހޭ ކަމަށާ، އެކަމަށް ހާއްސަ ގާނޫނުން ބަދަލު ގެންނަނީ އިންތިހާބު އަވަހަށް ބޭއްވުމަށް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ޤާނޫނުގައި އޮތްގޮތަށް މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަަމަށެވެ. އިންތިހާބު ބޭއްވުން ލަސްވި ނަމަވެސް އިދާރީ މަސައްކަތްތައް ކުރެވޭނެ ކަމަށް ޤަބޫލުކުރި ކަމަށާއި އެހެންނަމަވެސް އެމަގުން ކަން ނުކުރެވޭނެކަމަށް އީސީއަށް ގާނޫނީ ލަފާ ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މަޖިލިހަށް މިޙާރު ހުށަހަޅާފައިވާ ބިލުގައިވަނީ އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި އިންތިހާބާ ގުޅިގެން ކުރަންޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރު ކުރުމަށް ވަނީ ހިމަނާފަ އެވެ. އެގޮތުން އެ ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ބޭއްވުމަޓަކައި އިލެކްޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ފަށަނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުކޮށްދީފިނަމަ އޭޕްރީލް 13 ގައި އިންތިހާބު ބޭއްވޭނެކަމަށް އިލެކްޗަނުން ވަނީ ބުނެފަ އެވެ.