އިންޑިއާގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިންދޭން ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހަންމަދު ސާލިހް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރްހަބާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓެގްކުރައްވައި ރައީސް ސާލިހް މިއަދު ކުރެއްވި ޓްވީޓެއްގައި، ކޮވިޑަށް ވެކްސިން ދިނުމުގެ މުހިންމު ޕްރޮގްރާމް އިންޑިއާގައި ފެށުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އިންޑިއާ ސަރުކާރަށްވެސް މަރްހަބާ ވިދާޅުވެފައި ވެއެވެ.
އަދި ވެކްސިން ދިނުމުގެ މި ޕްރޮގްރާމް ކާމިޔާބުވެ، އިންޑިއާއިން ކޮވިޑްބަލީގެ ހާތަލަށް ނިމުމެއް ގެނެވޭނެކަމަށް ޔަގީންކުރައްވާ ކަމަށްވެސް، ރައީސް ސާލިހް ވިދާޅުވެފައި ވެއެވެ.
އިންޑިއާއަކީ ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު ދެވަނައަށް އެންމެގޯސްވެފައިވާ ގައުމެވެ. އަދި އިންޑިއާއަކީ ކޮވިޑްބަލީގައި ތިންވަނައަށް އެންމެ ގިނަމީހުން މަރުވެފައިވާ ގައުމުވެސް މެއެވެ.
އިންޑިއާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ.
މިއީ، މުޅި ދުނިޔޭގައިވެސް ހިންގޭ ވެކްސިން ދިނުމުގެ އެންމެބޮޑު ޕްރޮގްރާމަށް ވެގެންދާނެއެވެ. ސަބަބަކީ، ފުރަތަމަ ފިޔަވަހީގައިވެސް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އިންޑިއާއިން އަމާޒު ހިފާފައިވާތީއެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ.
ޑޮކްޓަރުންނާއި، ނަރުހުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 30 މިލިއަން މީހުންގެ އިތުރުން، ދެން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުންމަތީގެ ނުވަތަ ބައްޔެއްގެ ސަބަބުން ކޮވިޑް-19 އަށް ނާޒުކު ކަމަށް ބެލެވޭ 270 މިލިއަން މީހުންނަށެވެ.
ކޮވިޑްވެކްސިން ދޭން ފެށުމުގެކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެވަނީ ސިއްހީ އެހީތެރިންނާ މުޚާތަބު ކުރައްވާ އަސަރުން ފުރިގެންވީ މެސެޖެއް ދެއްވާފައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މޯދީ، ސިއްހީ ޚިދުމަތްތެރިންނާ ވާހަކަފުޅު ދެއްކެވިއިރު ލޯފުޅުން ކަރުނަފޮދުހިލުނު ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
އިންޑިއާއިން ކޮވިޑް ވެކްސިން ދޭންފެށީ އިންޑިއާގައި އުފައްދާފައިވާ ދެ ވެކްސިނެއް ބޭނުންކޮށްގެންނެވެ. އެއީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެގައުމުގެ ބޭސް އުފައްދާ އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިނާއި، އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި ވެކްސިނެވެ.
އިންޑިއާއިން އުންމީދުކުރަމުން ގެންދަނީ ވެކްސިންގެ ސަބަބުން ބަލިމަޑުކަމަށް ހުއްޓުމެއް ގެނެވޭނެ ކަމަށެވެ.