ފުރަތަމަ ފޭހުގައި ކޮވިޑް-19 ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް، ތާވަލްގައިވާ ގޮތަށް ވާސިލްވެވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، ލޮކްޑައުންއަށް ލުއިދިނުމާމެދު މާޗްމަހުގެ ތެރޭގައި ގޮތެއް ނިންމޭވަރު ވާނޭކަމަށް އުންމީދު ކުރައްވާ ކަމަށް އިނގިރޭސި ޑޮމިނިކް ރާބް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތަކީ، ޔޫރަޕް ސަރަހައްދުން ކޮވިޑްބަލީގައި މިހާތަނަށް އެންމެ ގިނަމީހުން މަރުވެފައިވާ ގައުމެވެ.

ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން މުޅި އިންގްލެންޑްއޮތީ ހަރުކަށި ލޮކްޑައުންގައެވެ.

ސްކޫލްތައް ބަންދުކޮށް، އަސާސީ މުދާ ވިއްކާ ފިހާރަތައްނޫން ވިޔަފާރިތައް ބަންދުކޮށްފައިވާއިރު، ވަޒީފާތަކުގައި އުޅޭމީހުންގެ ތެރެއިން ގޭގައި މަސައްކަތް ކުރެވޭ މީހުން އެކަން ކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

ޚާރިޖީ ވަޒީރު ޑިމިނިކް ރާބް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ލޮކްޑައުންގެ ހާލަތު ވީހާވެސް އަވަހަކަށް އުވާލަން ކަމަށެވެ.

ނަމަވެސް، އެކަމަށް ގޮތެއް ނިންމޭވަރުވާނީ މާޗްމަހުގެ ތެރޭގައި ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ލުއިދެވޭވަރުވި ނަމަވެސް، ލޮކްޑައުންއަށް އެއްކޮށް ލުއިދެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި، އެކަން ކުރައްވާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށް ޑޮމިނިކް ރާބް ވިދާޅުވިއެވެ.

ކޮވިޑް-19 ބަލިމަޑު ހާލަތު އިނގިރޭސިވިލާތުގައި، ޚާއްސަކޮށް ވެރިރަށް ލަންޑަނާއި، އިންގްލެންޑްގައި ބޮޑުވެގެންދިޔައީ، ކޮވިޑް ވައިރަހުގެ އައު ވޭރިއެންޓެއްގެ ސަބަބުންނެވެ. އަލަށް ފެނުނު ވޭރިއެންޓަކީ ކުރިން ފެނުނު ވައިރަސްއާ ޚިލާފަށް މީހުންގެ ތެރޭގައި ވަރަށް ހަލުވިކޮށް ބަލި ފަތުރާ ވޭރިއެންޓެކެވެ.

އިނގިރޭސިވިލާތުން ފެނުނު ވޭރިއެންޓް ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ފެތުރިގެންގޮސްފައި ވާއިރު، ކޮވިޑްބަލި ދުނިޔޭގައި މަޑުޖެހުމަކަށް އަންނަ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް ސިއްހީ ތަޖުރިބާކާރުން ގެންދަނީ ވިދާޅުވަމުންނެވެ.

ދުނިޔޭގައި ބަލިޖެހުނު މީހުންގެ އަދަދު 94 މިލިއަން ފަހަނައަޅައި ގޮސްފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވެސް މިހާރުވަނީ ދެމިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ. ބައްރުތަކަށް ބަލާއިރު، ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ ޔޫރަޕް ސަރަހައްދުގައެވެ.