ދެއްވަދޫ ކްލަސްޓާއިން މިހާތަމަށް 69 ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މި ކްލަސްޓާއާ ގުޅުންހުރި 69 މީހުންގެ ތެރެއިން 55 މީހުން ޕޮޒިޓިވްވީ ދެއްވަދޫއިން ކަމަށެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 6 މީހަކު ދާންދޫން އިން ޕޮޒިޓިވްވެފައިވާއިރު ލ. ފޮނަދޫއިން 4 މީހަކު، ގއ. ވިލިގިލިން 2 މީހަކު އަދި ހުޅުމާލެ އިން ވެސް 2 މީހުކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ދެއްވަދޫއިން ފުރަތަމަ ޕޮޒިޓިވްވީ އެރަށު ފުރަބަންދަށް ދިޔަ އުމުރުން 4 މަހުގެ ކުޑަކުއްޖެކެވެ. އެހާހިސާބުން އެރަށުން ވަނީ ރެންޑަމް ސާމްޕަލްތައް ނަގަން ފަށާފައެވެ. އަދި އެ ސާމްޕަލްތަކުން މިހާތަނަށް 55 މީހަކު ވަނީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ގއ.އަތޮޅު ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކަލާއެކު އެއަތޮޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ފިހާރަތަަކަށް ދިޔުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް ދިނުމާ އެޚިދުމަތް ހޯދުމަށް އެޗްއީއޯސީން ވަނީ އެދިފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 69 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫގައެވެ. ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރެއިން 6 މީހަކަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި 4 މީހަކަށް ފަރުވާދެމުންދާއިރު އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފްލޯގައި ދެ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 38 މީހަކަށް ފަރުވާ ދެމުންދާއިރު ގއ. ވިލިގިލީ ކޮވިޑް ފެސިލިޓީގައި 5 މީހަކަށް އަދި ގަން ކޮވިޑް ފެސިލިޓީގައި 4ރު މީހަކަށް ފަރުވާދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.