ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭގޮތަށް ޚާއްސަ ގާނޫނަށް ގެނައި އިސްލާހު ކޮމިޓީން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ބިލު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފަ އެވެ. އެގޮތުން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭ މާއްދާ، އިލެކްޝަނުން ކަނޑައަޅާ ތާރީހެއްގައި އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހުކޮށް ދިނުމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އެދިވަޑައިގެންނެވިއެވެ.

މި ކަންބޮޑުވުންތަކަށް ކޮމިޓީން ރިޢާޔަތްކޮށްފައިވާއިރު މިއަހަރު މޭ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހޭ ކަމަށް ޤާނޫނުގައި ބުނެފައިވާ މާއްދާ ވަނީ އިސްލާހު ކޮށްފަ އެވެ. އެގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން އަންގަންވާނެ ކަމަށް ކޮމިޓީން ބިލު އިސްލާހު ކުރިގޮތުގައިވެ އެވެ.

މީގެ އިތުރުން، އިލެކްޝަނުން ވަނީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭގޮތަށް އެޗްޕީއޭ އިން ކަނޑައަޅާ އުސޫލު އެކުލަވާލުމަށް އެޗްޕީއޭގެ މައްޗަށް ލާޒިމުވާ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކޮށްދިނުމަށް އެދިފައެވެ. މި ކަމަށް ރިޢާޔަތްކޮށް ކޮމިޓީން ގެނައި ބަދަލުގައި ބުނެފައިވަނީ، އިންތިހާބު ބޭއްވުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިޅާބު ބޭއްވޭގޮތަށް ކަމަށެވެ.

ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވަން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.