"ދަތުރުގައި ބައިވެރި ހުރިހާ އެންމެންގެ ސޫރައަށް އެޖިންނީގެ ސިފަ ބަދަލުވެގެން ދިޔަ. އެއީ ވަރަށް ނާމާން ފަޅުރަށެއް."

މިއީ ފަޅުރަށަކަށް ދަތުރުދިޔަ ދެ ޖިންސުގެ ޒުވާނުންތަކެއް އަންބަރާކޮށް އުޅުމުގެތެރޭގައި ޖިންނީންގެ ސަބަބުން ކުރިމަތިވިި އާދަޔާޚިލާފް ނާމާން ބިިރުވެރި ހަޤީޤީ ހާދިސާ އެކެވެ. މިހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އެއީ މިހާދިސާ ކުރިމަތިވި މީހުންގެ ރައްކަލަކަށްޓަކައެވެ.

*****

އަހަރެންނަކީ އުމުރުން 18 އަހަރުގެ ނޫކަށި ފުރައިގެ ޒުވާނެކެވެ. އެކުގައި އުޅޭ ރައްޓެހިންނާއިއެކު މަޖާކުރުމާއި ސަކަރާތް ޖެހުމުގައި ގިނަ ވަގުތު ހޭދަކުރަމުންދާ މީހަކީމެވެ. ހަތަރު މަތިފުށް މާލޭ މީހެއްކަމުން އުޅެ ބޮޑުވަމުން ދިޔައީ މާލޭގެ މަގުތައް މަތީގައެވެ. އަހަރެންގެ މިޒާޖުގެ ސަބަބުން އެކުގައި އުޅޭ އަންހެން ކުދިންނާއި ފިރިހެން ކުދިން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. މުސްކުޅިން ބުނާ ބީދައިން ދަތްހުރިއިރު ކާށި ކެއުމަކީ އަހަރެންގެ އާދަޔަކަށް ވަނީ ވެފައެވެ. ނަމަވެސް އެދުވަސްވަރު އަހަރެންނަށް ދިމާވި މިހާދިސާއަކީ އަހަރެންގެ ދިރިއުޅުން މުޅިންހެން ބަދަލުކޮށްލި ހާދިސާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައެއް މީހުންނަށް މިވާހަކައަކީ ތެދުކަމުގައި ހީނުކުރެވުނަސް މިހާދިސާއަކީ އަހަރެންގެ ލޮލަށް ފެނިފައިވާ އަދި މިހާރުވެސް ހިތުތެރޭގައި އަބަދުހެން އާވަމުންދާ ހާދިސާއެކެވެ.

އެއީ 2008 ވަނަ އަހަރުގެ މާރޗް މަހުގެ ފަހުކޮޅުން ދުވަހެކެވެ. އަހަރެންނާއި އަހަރެންގެ އެކުވެރިން މަޖާކޮށްލުމަށް ކ.ގާފަރު ކައިރީ އޮންނަ ފަޅުށަކަށް އޯވަނައިޓަކަށް ދާން ނިންމިއެވެ. މިރަށަކީ ތަނބުރުދޫ ފަދަ ކުޑަ ރަށެކެވެ. މިދަތުރުގައި އަހަރެންގެ އިތުރުން ޝިފާއު (އަސްލުނަމެއް ނޫން) އަޙްމަދު (އަސްލު ނަމެއް ނޫން) އިސްމާއިލް (އަސްލުނަމެއް ނޫން) މާހިލް (އަސްލުނަމެއް ނޫން) އަދިވެސް އިތުރު 5 ވަރަކަށް ފިރިހެން ކުދިންނާއި ޒުވާން 7 އަންހެން ކުދިންނާއެކު ޖުމްލަ 17 މީހުން ބައިވެރިވިއެވެ.

ދަތުރަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދުމަށްފަހު ދޯންޏެއް ކުއްޔަށް ހިފައިގެން މިދަތުރުގެ އެންމެހާ ބައިވެރިން އެރަށަށް ދިއުމަށް ދޯނީގައި މިސްރާބު ޖެހީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެރަށަށް ދެވުނުއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. އެހެންކަމުން ދޯނި ފަޅަށް ވަނުމާއެކު ދަތުރުގެ ހުރިހާ ބައިވެރިން އެރަށުގައި އޮންނަ ކުޑަ ޑިންގީގަނޑެއްގައި ރަށަށް ފޭބިއެވެ. އަހަރެމެން އެރަށަށް ފޭބުމާއެކު އެރަށުގެ ވެރިފަރާތުން ރަށް ބަލަހައްޓާ ބިދޭސީމީހާ ހުންނަން ހަދާފައިހުރި ކުޑަވަރެއްގެ ގެއެއް އެ ބިދޭސީމީހާ އަހަރެމެންނަށް ދެއްކިއެވެ. އަދި ހަލުވި ހިނގުމެއްގައި ގޮސް ޑިންގީގައި އަހަރެމެން އައި ދޯންޏަށް އެމީހާ އެރިއެވެ. އޭރު އެމީހާގެ އަތުގައި ޚަތިމެއް އޮތުމުން އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ ޙައިރާންކަމެއް ލިބުނެވެ. ނަމަވެސް އެއީ އޭނާ އެކަނި ހުންނައިރު ކިޔަވަންވެގެން ގެންގުޅޭ ޚަތިމެއްކަމަށް ހީކުރީމެވެ. އަދި އޭނާ ދިރިއުޅޭ އެ ކުޑަގެއަށް ވަންއިރު އެގޭތެރޭގައިވެސް އެކިދިމަދިމާލުގައި ޚަތިމުތައް ބަހައްޓާފައި ހުއްޓެވެ. އަހަރެމެން މާބޮޑަކަށް އެކަމަށް ސަމާލުކަމެއް ނުދެމެވެ. އަހަރެމެން ގެނައި އެއްޗެހިތައް އެކުޑަ ގެގަނޑުގެ ތެރޭގައި ބެހެއްޓުމަށްފަހު އެނގެގަނޑާއި ކައިރީގައި ކުޑަ ޓެންޓެއްޖަހައި ހީނސަކަރާތް ޖެހުމާއި، މަޖާކުރުމުގެ ކުޅިވަރުތައް ފަށައިފީމެވެ.

މިދަތުރުގައި ހިމެނޭ ހުރިހާ އެންމެންނަކީވެސް އެކުގައި އުޅޭ ވަރަށްގާތް ރައްޓެހިން ތަކެއް ކަމަށްވުމުން ސަކަރާތްގަނެ މަޖާކޮށްހެދުމަކީ މިދަތުރުގެ ބައިވެރިން އެންމެ ފޯރިއާއިއެކު ކުރިއަށް ގެންދިޔަ އަދި މުޅި ދަތުރުގެވެސް މަޤްޞަދެވެ. އެހެންކަމުން އަހަރެންވެސް އެމީހުންނެކޭ އެއްފަދައިން އެމީހުންނާއި ބައިވެރިވެ، އެމީހުން ޖަހަމުންދިޔަ ބެރަށް ފައިހަމަކޮށް ނަށަމުން ގެންދިޔައީމެވެ. އަދި ހަމަ ބުއްދިފިލާދާފަދަ ''މީރު ބުއިންތައް'' ބޮމުން ގެންދިޔައީމެވެ.

ނަމަވެސް އިރުގެ އަލިކަން ފަނޑުވެ ރަތްވިލާ އޮއްސި ރަށަށް އަނދިރިކަން ވެރިވުމުން އަހަރެމެން ނިންމީ ރަށުގެ އަތިރިމަތީގައި ބޮޑު އަލިފާންގަނޑެއް ރޯކޮށް އެރޭގެ ކެއުމަށް ބާބަކިއު ހަދަން ތައްޔާރުވުމަށެވެ. މިގޮތުން ދަތުރުގެ ނަގާކިޔާ އެކެއްކަމަށްވާ ޝިފާއު މާލެއިން ގެނައި މަސްތައް ހިފައިގެން މަސްކަނޑަށް ގޮނޑުދޮށަށް ދިޔައެވެ. އަދި އަޙްމަދުވެސް ރަށް ބަލާލުމަށްޓަކައި ރަށުގެ ދުރުފަރާތު ހޭޅިފަށުން ހިނގާލަން ދިޔައެވެ. މާހިލްވެސް ރަށް ބަލާލުމަށްޓަކައި އެކަނި ރަށުތެރެއަށް ނިކުތެވެ. އެމީހުން މިގޮތަށް ރަށުތެރެއަށް ދިޔަކަމެއް އަހަންނަކަށް ފުރަތަމަ ނޭގެއެވެ. އޭރުވެސް ޓެންޓް ކައިރީގައި ދަތުރުގެ އެންމެހާ އަންހެން ބައިވެރިންނާއި ދެންތިބި ފިރިހެން ބައިވެރިން ކޯޅި ކޯޅިވަރަށް މަޖާކުރަމުންދާތަން ފެނެއެވެ.

އެހެންކަމުން އެމީހުން ދިޔަތަނެއް ބަލަން އަހަރެންނާއި އިތުރު ބައިވެރިއަކު ގޮނޑުދޮށުގައި ރޯކޮށްފައި ހުރި ބޮޑު އަލިފާންގަނޑާއި ދިމާލަށް ދަނިކޮށް ޝިފާއު ވަރަށް ބާރަށް ހަލުވި ހިނގުމެއްގައި މަސްތަށް ހިފައިގެން އަހަރެމެންނާއި ދިމާލަށް އަންނަތަން ފެނުނެވެ. އޭރު އޭނާހުރީ ވަރަށް ބޮޑަށް ހާސްވެ ބިރުގަންފައެވެ. އަދި އައިސް ބުންޏެވެ. މިރަށް އެހާ ރަނގަޅެއްނޫން. ދާން ހިނގާ! މިހެން ބުނުމުން އަހަރެމެން މަޖަލަކަށް އެކަން ހަދާލީމެވެ. ތީ ބިރުން އުޅޭތީ ހީވާގޮތެއް ކަމަށް ބުނުމުން ވެގެން އުޅޭގޮތެއް ޝިފާއު ނުބުންޏެވެ. އެއީ އަހަރެމެން އެކަން ޤަބޫލު ނުކޮށް މަޖަލަކަށް ހަދާނެތީއެވެ. އެހެންކަމުން އޭނާ ކެނޑިމަސްތައް ޓެންޓް ކައިރިއަށް ގެންގޮސް މަސްފިހަން ތައްޔާރުކުރުމުގެ މަސައްކަތް ތަކާއިގެން ކުރިއަށްދިޔައެވެ. އިރުކޮޅެއް ނުވެ މާހިލް ވަރަށް ބާރަށް ދުވެފައި ރަށުގެ ހޭޅިފަށުން ލާފައި އަންނަތަން ފެނުނެވެ. އަދި އައިސް މާހިލްވެސް ބުނީ ހަމަ ޝިފާއު ބުނިހެންނެވެ. "މިރަށް ރަނގަޅެއް ނޫން! ކުޑަކުދިން ރޯއަޑުވެސް ރަށުތެރޭން އިވޭ! މީހުން އަހަންނަށް ގޮވާ އަޑުވެސް އިވޭ!" މިހެން ބުނުމުން އަހަރެމެން ހީގަންފައި ބުނީމެވެ. އެއީ ހީވާގޮތެވެ. އަހަރެމެން ނޫން އެހެން ބަޔަކު މިރަށަކު ނޫޅޭނެއެވެ. ސަކަރާތް ޖަހަންޏާ އަޑުއަޑު އިވޭނެއެވެ. މިހާރުވެސް ޓެންޓްކައިރީ އެޖަހާ ސަކަރާތް ނިކަން ބަލާބަލާށެވެ. އަޑެއް ނުއިވޭ ހެއްޔެވެ. މިހެން ބުނުމުން މާހިލްވެސް މާބޮޑުކަމަކަށް ނަހަދާ ޓެންޓް ކައިރިއަށް ދިޔައެވެ.

ޝިފާއު އާއި މާހިލް އެދެއްކި އެއްވެސް ވާހަކައަކަށް އަހަރެން ސަމާލުކަމެއް ނުދީ ސަކަ ވާހަކައިގައި ތިއްބައި އަޙްމަދު އެތަނަށް އަތުވެއްޖެއެވެ. އަދި އޭނާ ވަރަށް ބިރުން ހުރެ މިހާރުން މިހާރަށް މިރަށުން ފުރައިގެންދާން ހިނގާށޭ ބުންޏެވެ. މިހެން ބުނުމުން ބިރުގަންނަނީ ކޮންކަމަކާހޭ ޓެންޓް ކައިރިއަށް އިއްސެމެންނާއިއެކު ބާބަކިއު ރެޑީކުރަން ދާން ހިނގާށޭ ކިޔައި އަހުމަދު ގޮވައިގެން ޓެންޓު ކައިރިއަށް ދިޔައިރުވެސް މާހިލް އާއި ޝިފާއު ވަރަށް ހާސްވެ ބިރުން އުޅޭހެން ހީވެއެވެ. ނަމަވެސް މިކަން އެއްވެސް އަންހެން ކުއްޖަކަށް އެމީހުންވެސް ނާންގައެވެ. އެއީ އަންހެން ކުދިންތައް މާބޮޑަށް ބިރުގެންދާނެތީއެވެ. އޭރުވެސް މިވަނީ ކީއްކަމެއް ޚުދު އަހަރެންނަކަށްވެސް ނޭގެއެވެ. އެހެންނޫނަށް އަހަރެން އެއިން އެއްވެސް ވާހަކައެއް ޤަބޫލެއްވެސް ނުކުރަމެވެ.

އެހެންކަމުން އަހަރެންވެސް ގަސްތުކުރީ ރަށްކުޑަކޮށް ބަލައިލާން ރަށުގެ އަނެއްފަރާތަށް ދިއުމަށެވެ. މިގޮތުން ރަށުތެރެއަށް ނުދާ ފިރިހެން ކުއްޖަކު ހުރުމުން އޭނައާއެކު އަހަރެން ރަށުގެ ދުރު ފަރާތަށް ނިކުތީމެވެ. ނިކުތްއިރު އަހަރެމެން ރޯކުރި އަލިފާންގަނޑު ގޮޑުދޮށުން ފެންނަން ހުރުމުން ހައިރާންކަން ލިބުނެވެ. ހިތަށް އެރިއެވެ. އަނެއްކާވެސް މިއާދެވުނީ ކުރިން ތިބި ތަނަށެވެ. މިހެން ހިތާ އަލިފާންގަނޑުގެ ކައިރިއަށްދިޔައީމެވެ. ކުއްލިއަކަށް އެ ބޮޑު އަލިފާންގަނޑު ގެއްލިއްޖެއެވެ. އަހަރެމެންގެ ފައި ޖެހުނީ މޫދުގައެވެ. މިހެން މިކަން ވުމުން އަހަރެމެން ވަރަށް ބިރުގަތެވެ. އަދި އެމީހުން އެބުނީ ތެދެއްކަމަށް ޔަޤީންކޮށް ވަރަށް ބާރަށް ދުވެފައި ކަހަލަގޮތަކަށް ޓެންޓް ކައިރިއަށް ދިޔައީމެވެ. އަހަރެމެން އެހާބާރަށް އައިސް ހާސްވެފައި ތިބުމުން ކޮންމެވެސް ނުބައެއް އުޅޭކަމަށް އަންހެން ކުދިންނަށްވެސް ހީކުރެވި އެމީހުންވެސް ބިރުން އުޅެން ފެށިއެވެ. އޭރު އަންހެން ކުދިންތައް ތިބީ ޓެންޓް ކައިރީ ހިސާބުތަކުގައި ކޯޅި ކޯޅިއަށެވެ. (ނުނިމޭ)

--

އެޑިޓަރުގެ ނޯޓު: މި ވާހަކައިގެ އައު ބައިތައް ޝާއިއު ކުރެވޭނީ ކޮންމެ ހަފްތާއެއްގެ ހޯމަދުވަހުއެވެ.