މީހަކު ބުނާ އެއްޗެއް ޅެމަކަށް ވަނީ އޭގެ ސަބަބުން ތިމާގެ ހިތަށް ކުރާ އަސަރަކުން ކަމަށް ނިޝާން ޣާޒިގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިންގެ ބަހާރު 2021 ގެ ނަމުގައި ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން، ވީޓީވީންނާއި، ވީޓީވީގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ގެނެސްދިން މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ނިޝާން ޣާޒިގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ މީހަކު ބުނާ އެއްޗެއް ޅެމަކަށް ވަނީ އެ އެއްޗަކުން ތިމާގެ ހިތަށް ކުރާ އަސަރަކުން ކަމަށެވެ.

ރައީސް މައުމޫން ވަނީ މިކަމަށް ބާރުދޭ މިސާލެއް ކީރިތި ޤުރުއާނުން ޖައްސަވާފައެވެ. މުޝްރިކުންގެ މީހުން ކީރީތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް މުހާތަބުކޮށް އެއީ ޝާއިރެކޭ ބުނަމުން ގެންދިޔަކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ވަހީ ބަސްފުޅު ނަމަވެސް މުޝްރިކުން ކީރިތި ރަސޫލާއާ މުހާތަބުކުރައްވާ އެއީ ޝާއިރެކޭ ބުނަމުން ގެންދިޔައީ އެކަލޭގެފާނު އިއްވަވާދެއްވަމުން ގެންދެވި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ ރީތިކަމުން އެމީހުންގެ ހިތަށް ކުރި އަސަރުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމީހުން ބުނާ ވާހަކަ ޤުރުއާނުގައި އޮންނަނީ، "އަދި ކިއެއް ހެއްޔެވެ. އެއީ ޝާއިރެކޭ އެއުރެން ބުނަނީ ހެއްޔެވެ. އެ ޝާއިރު މަރުވެ ދިއުމަށް ތިމަންމެން ބަލަބަލާ ތިބެމުއެވެ." އެހެންނަމަވެސް ހަގީގަތުގައި ކީރިތ ޤުރުއާނަކީ ޅެމެއް ނޫން. އެއީ ޅެންވެރިކަމުގެ އެއްވެސް އުފެއްދުމެއް ނޫން. ކީރިތި ޤުރުއާނަކީ މާތް ﷲގެ ވަހީ ބަސްފުޅު. އެބަސްފުޅު އަޅުގަނޑުމެންނާ ހަމައަށް އިއްވަވާދެއްވާފައިވަނީ ވަރަށް ރީތި އިބާރަތްތަކަކުން. ވަރަށް ރީތި ލަފްޒުތަކަކުން. އަރަބި ބަހުގެ ބަޣާވާތްތެރިކަމުގެ އެންމެ މަތީ ފެންވަރުން.
މައުމޫން އަބްދުލްޤައްޔޫމް

ރައީސް މައުމޫން ވިދާޅުވީ ޅެމަކީ މީހަކު ބުނާ އެއްޗެއް މިއުޒިކަށް ބަދަލުކޮށްދޭ ފަންނެއް ކަމަށެވެ. ޅެންވެރިކަމުގެ އެންމެ މުހިންމު ސިފައަކީ އޭގައި ހުންނަ މިއުޒިކް ކަމަށާއިި ޅެންވެރިކަމަކީ ގިނަ ބަޔަކު ހިއްސާކުރާ އާލަމީ ފަންނަކަށްވާތީ އެއީ ވަރަށް މުއްސަނދި އިންސާނީ މަސައްކަތެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީގެ ވާހަކަަފުޅުގައި ވަނީ ޅެންވެރިންގެ މަސައްކަތުން ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓޭކަމަށް ވިދާޅުވެފައެވެ. ޅެންވެރިންގެ ހިތުގެ ޝުއޫރުތަކުގެ ފުން އިހުސާސްތަކުން ހިތްތަކަށް މީރުކަން ލިއްބައިދޭކަމަށް އަޝްރަފު ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ

ޅެމުން މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނުވައި ދަތި ހާލުތަކުގައި ކެތްތެރިވުމަށް އުނގަންނައިދެވޭކަމަށް އަޝްރަފު ވިދާޅުވިއެވެ. ހަޔާތުގައި ކިތަންމެ އުނދަގޫ ކަމަކާ ކުރިމަތިލާންޖެހުނުނަމަވެސް ޅެމުގެ ފަށުވި ފޭރާންތަކުން އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ގެނުވައިދޭކަމަށް އަޝްރަފު ވިދާޅުވިއެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަސް ކުރިމަތިވެފައިމިވަނީ މުޅި ދުނިޔެވެސް ނުރައްކާތެރި ބައްޔަކާ ހަނގުރާމަކުރަމުންދާ ވަގުތެއްގައިކަން ފާހަގަކުރައްވައި އަޝްރަފު ވިދާޅުވީ މިފަދަ އުނދަގޫ ވަގުތެއްގައިވެސް ގައުމުގެ ހާލަތު ހަމައަަކަށް އަޅުވަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިއަހަރުގެ ޅެންވެރިކަމުގެ ދުވަހާ ގުޅިގެން ކަނޑައަޅާފައިވާ ޝިއާރުންވެސް މިކަންކަން ކުރުމަށް ބާރުއަޅާކަމަށް އަޝްރަފު ވިދާޅުވިއެވެ.

މިއަހަރުގެ މި އުފާވެރި މުނާސަބާ މި ލައިގަތީ މުޅި ދުނިޔެ ވަރަށް ހިތާމަވެރި ވަގުތެއްގައި ވަނިކޮށް. އަދި އަޅުގަނޑުމެންގެ ރާއްޖެވެސް މިފަދަ ހިތާމަވެރި ހާލަތެއްގައި ވަނިކޮށް. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިކަމާ ކުރިމަތިލާން އެބަ ޖެހޭ. ގައުމުގެ ކަންކަން އިގްތިސޯދީ ގޮތުން، އިޖުތިމާއީ ގޮތުން އަދި ގައުމީގޮތުން އަޅުގަނޑުމެންގެ ގައުމީ ޝަރަފުތައް ދިރުވާ އާލާކޮށް ނެރެން އެބަ ޖެހޭ. އެހެންވީމަ މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އަޅުގަނޑުމެން މި ކަނޑައެޅީ "ތެދުވާށެ އަލުން އައު ދިރުމެއް ދޭނެ ގޮތެއްގާ" މި ޝިއާރައިގެން އަޅުގަނޑުމެން ޅެންވެރިން، މުޅި މުޖުތަމައު މި ހޭލީ މުޅި ގައުމަށް އާރާސްތުކަން ގެނެވި، އައު އުންމިދީ އައްޔެއް ދިއްލާދިނުމުގެ އުންމީދުގައި.
އަޝްރަފު އަލީ

މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިއާރު "ތެދުވާށެ އަލުން އާދިރުމެއް ދޭނެ ގޮތެއްގައި" ހާއްސަކޮށްފައިވަނީ އައްނަބީލާ ފާތިމަތު ސައީދަށް ކަމަށް އަޝްރަފު ވިދާޅުވިއެވެ. އެކަމަނާގެ ރޫހުފުޅާއި، އެކަމަނާގެ ލޭގައިވެސް ވަނީ ޅެންވެރިކަމުގެ ތަޢާސީރު ކަމާމެދު ޝައްކެއް ނުކުރައްވާކަމަށް އަޝްރަފު ވިދާޅުވިއެވެ.

އެހެންކަމުން އެކަމަނާއަށް ހާއްސަކޮށްގެން ޅެންވެރިންގެ ދުވަހެއް ބޭއްވޭކަމީ ޅެންވެރިންނަށް އައު އުފެއްދުތަންތަކުގެ ތެރޭގައި ފީނުމަށާއި، ފުރިހަމަގޮތެއްގައި ޅެން ހުށަހަޅަން ފޯރުވައިދިން ފުރުސަތެއް ކަމަށްވެސް އަޝްރަފު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި ޅެންވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މި ޖަލްސާއަކީ ޅެންވެރިން އެމީހުންގެ ހުނަރު ބޭނުންކޮށްގެން ދިވެހި ގައުމަށް ކޮށްދެއްވަމުންގެންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާއެކެވެ.