އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުސަތު 11 ރަށަކަށް ހުޅުވާލައިފިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނީ އެ ކުންފުނީން ކުރިއަށްގެންދާ ކޮންޓްރެކްޓު ފާމިންގެ ދެވަނަ ފިޔަވަހީގައި ބައިވެރިކުރަން ނިންމާފައިވާ 11 ރަށް މިހާރު އާންމުކޮށްފައިވާކަމަށެވެ. އެ ރަށްތަކަކީ ފ.މަގޫދޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ބ. މާޅޮސް، ރ. ވާދޫ، ރ. ފައިނު، ނ. މަނަދޫ، ގއ. ނިލަންދޫ. ގއ. ގެމަނަފުށި، ޏ.ފުވަށްމުލައް އަދި ސ. މީދޫ ކަމަށް އެގްރޯ ނެޓުން ބުނެފައިވެއެވެ.

އެގްރޯ ނެޓުން ބުނީ މިފަހަރު ފުރުސަތު ހުޅުވާލާފައިވާ 11 ރަށުން، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަނޑުވެރިން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.

އެގްރޯ ނެޓުގެ ކޮންޓްރެކްޓު ފާމިން ޕްރޮގްރާމަކީ އެ ކުންފުނިން ދަނޑުވެރިކަމާ ގުޅޭގޮތުން ހިންގާ ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ލ. އަތޮޅުގައި މިހާރުވެސް ކުރިއަށްދާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ލ. ގަން، އިސްދޫ، ކަލައިދޫ އަދި ފޮނަދޫގެ ދަނޑުވެރިންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެގްރޯ ނެޓުން ބުނެފައިވެއެވެ.

އެގްރޯ ނެޓުން ބުނީ ކޮންޓްރެކްޓް ފާރމިންގ ޕުރޮޖެކްޓު ވެގެންދާނީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ މަޝްރޫއަކަށް ކަމަށެވެ. އެގޮތުން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 40 އިންސައްތަ ހާއްސަކުރެވިފައި ވަނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ކަނބަލުންނަށްކަން އެގްރޯ ނެޓުން ފާހަގަކުރެއެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަންގެ ފަންނީ އަދި މާލީ އެހީތެރިކަމާ އެކު މި ޕްރޮގްރާމްތައް މެދުވެރިކޮށް ދަނޑުވެރިކަމުގެ ނަފާ އިތުރު ވެގެންދާނެކަމަށްވެސް އެގްރޯ ނެޓުން ބުނެފައިވެއެވެ.