ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ސަރުކާރުގެ ފަރާތުން އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިިސްލާހުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށެވެ.

މި ބިލު މަޖިލިހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް 38 މެމްބަރުންގެ ވޯޓާއެކު ބިލު މިއަދު ފާސްކޮށްފައިވަނީ މަޖިލިހުގެ ދައުރުން ބޭއްވި ތިންވަނަ ޖަލްސާގައެވެ.

މިއަހަރު މޭ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހޭ ކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނުގައި ބުނެފައިވާ މާއްދާ ވެސް ވަނީ އިސްލާހު ކޮށްފައެވެ. އެގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން އަންގަންވާނެ ކަމަށް ކޮމިޓީން ބިލު އިސްލާހު ކުރިގޮތުގައިވެ އެވެ.

މީގެ އިތުރުން، އިލެކްޝަނުން ވަނީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭގޮތަށް އެޗްޕީއޭ އިން ކަނޑައަޅާ އުސޫލު އެކުލަވާލުމަށް އެޗްޕީއޭގެ މައްޗަށް ލާޒިމުވާ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކޮށްދިނުމަށް އެދިފައެވެ. މި ކަމަށް ރިޢާޔަތްކޮށް ކޮމިޓީން ގެނައި ބަދަލުގައި ބުނެފައިވަނީ، އިންތިހާބު ބޭއްވުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިޅާބު ބޭއްވޭގޮތަށް ކަމަށެވެ.