އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއަށް ބްރޯކަރުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރކުރުމުގައި ހަރަކާތްތެރިވާ ކަސްޓަމްސް ބްރޯކަރުން އައްޔަން ކުރުމުގެ މަސައްކަތް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބްރޯކަރުން އައްޔަންކުރުމުގެ މަސައްކަތް އޮންލައިންކޮށް ކުރިއަށްދާނެ ކަމަށާއި، މިއަދުން ފެށިގެން 31 ޖެނުއަރީ ގެ ނިޔަލަށް މިނިޒާމުގެ ޓެސްޓިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މި މުއްދަތުގައިވެސް ޕޯޓަލް މެދުވެރިކޮށް ބްރޯކަރުން އައްޔަން ކުރެވޭނެކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނީ ޕޯޓަލް މެދުވެރިކޮށް ބްރޯކަރުން އައްޔަންވުމަށް ހުށަހަޅާނީ، ކަސްޓަމްސް ބްރޯކަރުން އައްޔަން ކުރުމާއި ވަކިކުރުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ކަސްޓަމްސް ބްރޯކަރުން އައްޔަންކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ބްރޯކަރުން އައްޔަންވުމަށް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، އެ ހުށަހެޅުން ކަސްޓަމްސް އިން ޗެކްކުރުމަށްފަހު އެޕްރޫވް ކުރުމުން، އެކަން ޕޯޓަލްގައި ރެކޯޑް ކުރެވިގެންދާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ބްރޯކަރު އައްޔަންވުމަށް ހުށަހެޅި ރިކުއެސްޓް އެޕްރޫވްވިކަން ނުވަތަ ނޫންކަން ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ބްރޯކަރަށް ނުވަތަ އިމްޕޯޓަރ/އެކްސްޕޯޓަރަށް ޗެކްކުރެވޭނެކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނީ ބްރޯކަރުން އައްޔަންވުމަށް ހުށަހަޅާ ރިކުއެސްޓް އެޕްރޫވްކުރެވޭނީ ކަސްޓަމްސް ބްރޯކަރުން އައްޔަންކުރުމާއި ވަކިކުރުމާ ގުޅެ އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމަ ކަމަށެވެ.

އަދި އޮންލައިންކޮށް ބްރޯކަރުން އައްޔަން ކުރެވޭ ގޮތަށް ހަމަޖެހުނު ނަމަވެސް، އައްޔަން ކޮށްފައިވާ ބްރޯކަރެއް ވަކިކުރެވޭނީ ކަސްޓަމްސް ބްރޯކަރުން އައްޔަން ކުރުމާއި ވަކިކުރުމާބެހޭ އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލިޔުމުން އެކަން ކަސްޓަމްސްއަށް ހުށަހެޅުމުން ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.