ޅ. ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެމަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާން ފާރޫޤް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގކޮންޕެނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

ފެލިވަރުގެ ބިން ހިއްކައި، ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމުތޮށި ހެދުމުގެ މި މަޝްރޫއަކީ އިންޑިއަން އެގްޒިމްގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއުތަކަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރަށް ބަހާލައިގެން ޑިފާޑް ޕޭމަންޓް އުސޫލުން ސަރުކާރުގެ ބަޖެޓުންނެވެ.

މިމަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ މި މަޝްރޫޢުއާއެކު މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ދުވަސްވީ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެން ދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފެލިވަރުގެ ސްޓޯރޭޖް އިތުރު ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު މުހިއްމު ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ކުރާ މަސައްކަތަކީ ލަފާފުރާ ބަނދަރެއްގެ ތެރޭގައި ހިނގަން ޖެހޭ މަަސައްކަތްތަކަކަށް ވާތީކަމަށެވެ.

ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮސްފައިވަނީ 113,398,222.04 (ސަތޭކަ ތޭރަ މިލިއަން ތިންލައްކަ ނިވަދިހަ އަށްހާސް ދުއިސައްތަ ބާވީސް ރުފިޔާ ހަތަރު ލާރި) ރުފިޔާ އަށެވެ.

ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މި މަޝްރޫޢުގެ ދަށުން 179،780 އަކަ މީޓަރު ބަނދަރު ފުންކޮށް ބިން ހިއްކާނެ އެވެ. އަދި 218.9 މީޓަރ ގެ ބޮޑުހިލަ ބޭރުތޮށި ލުމަށް ވަނީ ހަަމަޖެހިފައެވެ. އަދި 574.6 މީޓަރުގެ ޝީޓްޕައިލް ޖެހުމަށް ހަމަޖެހިފައިވާއިރު 264.8 މީޓަރ ބޮޑުހިލައިގެ ރިވެޓްމަންޓެއްވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.