ސ.ހިތަދޫގެ އެކި ގޭގެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި އެމައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މިމީހާ ހައްޔަރު ކޮށްފައިވަނީ ވައްކަމާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މިމަހުގެ 13 ވަނަ ދުވަހު ހިންގި އެއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތިން ލެޕްޓޮޕާއި ތިން މޯބައިލް ފޯނާ އަދި އައިޕެޑެއް ހޯދާފައިވެއެވެ.
މިތަކެތި ހޯދާފައިވަނީ އެކި މީހުންނަށް ވިއްކާފައިވަނިކޮށްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.
މިމައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.