ބޮލީވުޑުގެ ހުނަރުވެރި ބަތަލާ ވިދްޔާ ބާލަން ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރި ފުރަތަމަ ފިލްމު 2021 ވަނަ އަހަރުގެ އޮސްކާ އެވޯޑަށް ދިއުމަށް މިސްރާބު ޖަހައިފިއެވެ.

ވިދްޔާ އަލަށް އުފެއްދި މިފިލްމު އޮސްކާއަށް ނޮމިނޭޓްވެފައިވަނީ ކުރު ފިލްމު ކެޓަގަރީންނެވެ.

ޝާން ވިޔަސް އުފައްދާފައިވާ ތެއްތިރީސް މިނިޓްގެ މިކުރު ފިލްމު ޕްރިމިއަރކޮށްފައިވަނީ، "ޓްރައިބެކަސް، ވީ އާރ ވަން: އަ ގްލޯބަލް ފިލްމް ފެސްޓިވަލް" ގައެވެ.

މިފިލްމުގެ އުފެއްދުންތެރިންވަނީ ފިލްމު "ނަޓްކަޓް" އޮސްކާއަށް ނޮމިނޭޓްވެފައިވާކަން ޓްވިޓަރ މެދުވެރިކޮށް އިއުލާނު ކޮށްފައެވެ. އަދި އެމީހުންގެ އުއްމީދަކީ ފިލްމަށް ކާމިޔާބީ ލިބިގެންދިއުން ކަމަށްވެސް ޓުވިޓަ މެސެޖުގައި ބުނެފައިވެއެވެ.

މިފިލްމުގައި ދައްކުވައިދީފައިވަނީ އެކަނިވެރި މަޔަކު އޭނާގެ އަންހެން ދަރިފުޅު ބޮޑުވެގެން އަންނައިރު ވަށައިގެންވާ މާހައުލުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ގޮތްތަކާއި ގުޅޭ ތަފާތު ހާދިސާތަކެވެ. އަދި ޖިންސީ ތަފާތުކުރުންތަކާއި އެފަދަ ހާދިސާތަކާއި ކުރިމަތިލާން ދަރިފުޅު ތައްޔާރުކުރާނެގޮތް ވަރަށް ރަގަޅަށް ފިލްމުގައި ފެނިގެންދާނެއެވެ.

ފިލްމު "ނަޓްކަޓް" ގެ އިތުރުން އިންޑިއާގެ ފިލްމު އިންޑަސްޓްރީން މިކެޓެގަރީއަށް ވާދަކުރަނީ ކެއިތް ގޯމްސްގެ "ޝޭމްލެސް" އަދި ތުޝާރް ތިޔާގީގެ "ސޭވިންގް ޗިންޓޫ" އެވެ.