ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ސަރުކާރުން ކުރިޔަށްގެންދިޔަ އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މިތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންގެ ހުނަރާއި ގާބިލްކަން އިތުރުކޮށް، 2020 ވަނަ އަހަރުގެ އުނގެނުން ކުރިއަށްދިޔަ ގޮތާބެހޭ ގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މިމަހުގެ 12 އިން 18 އަށް ކުރިއަށްދިޔަ މިޕްރޮގްރާމް އަތޮޅުތެރޭގެ ސްކޫލްތަކަށް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.
މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ސެޝަން ކުރިއަށް ގެންދިޔައީ އިސްކަންދަރު ސްކޫލުގައެވެ.
މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ، ތައުލީމީ ދާއިރާގެ ޓާގެޓްތައް ހާސިލްކުރުމަށް ދުރާލައި ސްކޫލްތަކުން ލަނޑުދަނޑި ކަނޑައަޅައި ތައްޔާރުވުމުގެ މުހިއްމު ކަމާއި، ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކުން އަމަލުކުރަމުންދާ، ރައްކާތެރިކަމުގެ އުސޫލުތަކާއި ބެހޭގޮތުންނެވެ.
މީގެއިތުރުން މިދިޔަ އަހަރު ސްކޫލްތަކުގައި އުނގެނުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތްތަކާއި ބެހޭގޮބެހޭގޮތުން ސްކޫލްތަކުގެ މެދުގައި މަޝްވަރާ ކޮށްފައިވެއެވެ.
މިޕްރޮގްރާމްގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސްކޫލްތަކުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަަަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.