އަރަމުން އަންނަ ޒުވާން ބަތަލާ އާއި، ސައުތް އިންޑިއަން ސިނަމާގެ ސުޕަ ސްޓަރ ވިޖޭ ދެވެރަކޮންދާ އެކީ ފެނިގެންދާ ފިލްމެއްގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ދަރްމާ މޫވީސްގެ ދިދައިގެ ދަށުން ނެރޭ މިފިލްމަށް ކިޔާނެ ނަމަކާ ދޭތެރޭ ކުރަމުންދިޔަ ބޮޑު ބަހުސަށް ނިމުމެއް އައުމަށްފަހު ފިލްމުގެ ނަމާއެކު މިފިލްމުގެ ފުރަތަމަ ޕޯސްޓަރ އިއްޔެވަނީ އާއްމުކޮށްފައެވެ.

"ލައިގަ" ގެ ނަމުން ނަންދެވިފައިވާ މިއެކްޝަން ފިލްމުގެ މެއިން ލީޑްއިން ބަތަލާ އަނަންޔާ އަދި ވިޖޭ ފެނިގެންދާއިރު، އެކްޓަރު ރޮނިތް ރޯއި ރާމްޔާ ކްރިޝްނަން އަދި ވިޝޫ ރެޑީ ފިލްމުގެ ކާސްޓްގައި ހިމެނޭކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވެއެވެ.

ފިލްމުގެ ޕޯސްޓަރުގައި ވިޖޭ ފެނިގެންދަނީ ބޮކްސިންގް ގްލޯވްއާއެކު ކަމަށްވިޔަސް މިފިލްމުގެ ވާހަކަ ނޫނީ ވާހަކަ ބިނާކޮށްފައިވަނީ ކޮންކަމަކަށްކަން އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ކަރަން ޖޯހަރުގެ އިތުރުން މިފިލްމުގައި އިތުރު ތިން ފަރާތެއް ޕްރޮޑިއުސަރެއް ދައުރު އަދާކުރާނެއެވެ.

ކަރަން އެންމެ ފަހުން ޕްރޮޑިސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ 2019 ވަނަ އަހަރު ނެރުނު ފިލްމު "ގުޑް ނިވްސް" ގައެވެ.

އޭނާގެ ކުރިއަށްހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި މިހާރު ރިލީޒްކުރުމަށް ތައްޔާޜުވަމުންދާ ފިލްމު "ސޫރަޔަވަންޝީ" އަދި ފިލްމު "ބްރަހްމަޝްތްރާ" ހިމެނެއެވެ.

ފިލްމު "ސްޓޫޑެންޓް އޮފަ ދަ އިޔަރ- 2" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އަނަންޔާ ޕާންޑޭ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ނެރުނު "ކާލީ ޕީލީ" އިންނެވެ.

ފިލްމުގެ ބަތަލު ވިޖޭ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ނެރުނު ތެލުގޫ ފިލްމު "ވޯރލްޑް ފޭމަސް ލަވަރ" އިންނެވެ.

ތެލުގޫ މިއެކްޓަރަކީ ސައުތް އިންޑިއާގެ އިތުރުން އިންޑިއާއިން ބޭރުންވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެކްޓަރެކެވެ.