އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެގައުމުގެ ބޭސް އުފައްދާ އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ފުރަތަމަ ޝިޕްމަންޓް މާދަމާ ދިވެހިރާއްޖެއަށް ފޮނުވާނެ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިނާއި، އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި ވެކްސިން ބޭނުންކޮށްގެން އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައިވާއިރު، އިންޑިއާގެ ނާޒުކު އާބާދީއަށް ވެކްސިންދީ ނިމެންދެން ބޭރު ގައުމުތަކަށް ވެކްސިން އެކްސްޕޯޓްކުރުން އިންޑިއާ ސަރުކާރުންވަނީ މަނާކޮށްފައެވެ.
ނަމަވެސް، އިންޑިއަން އެކްސްޕްރެސްއިން މިއަދު ބުނެފައިވަނީ، އިންޑިއާގެ ވެކްސިން ލިބޭ ބޭރުގެ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
އެގޮތުން، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ބުދަދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ނޫހުން ބުނެގައި ވެއެވެ.
އިންޑިއާގެ އެހެން ބޮޑެތި ނޫސްތަކުންވެސް މި ޚަބަރު ފަތުރާފައި ވެއެވެ.
މި ވެކްސިން ރާއްޖެ ގެނައުމަށްޓަކައި އިންޑިއާގެ ކަމާބެހޭ އިދާރާތަކާއި އަދި ރާއްޖޭގެ ސަރުކާރުން ލިބެންޖެހޭ ހުއްދަތައްވެސް މިހާރު ލިބިފައިވާ ކަމަށް، އިންޑިއާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްއިން ބުނެފައި ވެއެވެ.
އިންޑިއާއިން ރާއްޖެ ގެންނަނީ ކިތައް ޑޯޒްގެ ވެކްސިންކަމެއް މީޑިއާ ރިޕޯޓްތަކުން ހާމައެއް ނުކުރެއެވެ.
ނަމަވެސް، ސަރުކާރުގެ މަސްދަރާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްއިން ބުނެފައިވަނީ، ފުރަތަމަ ފޮނުވާ ޝިޕްމަންޓްގައި ހިމެނޭ ވެކްސިން ޑޯޒްގެ އަދަދަކީ، ރާއްޖޭގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭވަރު އަދަދެއް ކަމަށެވެ.
ވެކްސިން ޝިޕްމަންޓް ހިފައިގެން އަންނަ އެއަރ އިންޑިއާގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާނީ ރާއްޖޭ ގަޑިން މެންދުރު 2:00 ގައި ކަމަށްވެސް އިންޑިއަން އެކްސްޕްރެސްއިން ބުނެފައި ވެއެވެ.
"ކޮވިޝީލްޑް" ގެ ވެކްސިން ރާއްޖެ ގެންނަ ވާހަކައިގެ ރިޕޯޓް އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރުމާ ގުޅިގެން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ މީޑިއާ ގްރޫޕްތަކުގައި ނޫސްވެރިން އެއްވެސް ސުވާލަކަށް އެ އިދާރާތަކުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އިންޑިއާއިން ގެންނަ ވެކްސިނަކީ ގަނެގެން ގެންނަ ވެކްސިނެއް ކަމެއް ނުވަތަ އިންޑިއާ ސަރުކާރުން ހިލޭދޭ ވެކްސިނެއް ކަމެއްވެސް ސާފެއް ނުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ވެކްސިންތައް ވާނީ، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ފެތޭ، ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރުކުރެވިފައިވާ، މޯލްޑިވްސް ފޫޑް އެންޑް ޑްރަގްސް އޮތޯރިޓީން ހުއްދަދީފައިވާ އަދި ވެކްސިން ޖެހުމަށްފަހު އަންނަ ސައިޑް އިފެކްޓްތަކަށް ރަނގަޅަށް ބެލިގެން ދެވޭ ވެކްސިނަކަށް ކަމަށެވެ.
ޝުކުރިއްޔާ މޯދީ ޖޭހިންދް އިންޑިއާ......
މަވެސް މިހާރު ބިރުހީވަން ފަށައިފި. ރާއްޖެ މިގެންނަ ވެޖްސިނާ ބެހޭގޮތުން މާބޮޑު މައުލޫމާތެެއް ނުދޭއިރު މީތި މިގެންނަނީ އިންޑިއާއިން ކަމަށްވާތީ މިއުޅެނީ ހިލޭ ލައްކައެއްގެ ވެކްސިންދީގެން ރާއްޖޭގެ ބަޔަކު ބޭނުން ކޮށްގެން ވެކްސިން ޓެސްޓްކުރަންބާ.. ހެޔޮނުވާނެ މިކަމުގެ މައުލޫމާތު މީޑިއާތަކުންވެސް ފުރިހަމައަށް ހޯއްދަވާ ޢާއްމުންނަށް ސާފުކޮށްދެއްވާ.
މީއަނެއްކާ އިންޑިޔާގެ އުފެއްދުމެއްބާ. އެތަނުގެ ވެކްސިނެއްގެ ސައިޑްއިފެކްޓް ގޯސްކަމުގެ ޚަބަރުތައް ނޫސްތަކުން ފެނޭ..