ސްރީލަންކާގެ ރައްޔިތުންނަށް ކޮވިޑް-19 ގެ ވެކްސިން ކަށަވަރު ކޮށްދިނުމަށްޓަކައި އދން ތާއީދުކުރާ ކޮވެކްސް މަރުކަޒު މެދުވެރިކޮށް މިވެކްސިން ގެނައުމާބެހޭ އެއްބަސްވުމެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.

ކޮވެކްސްއަކީ ދުނިޔޭގެ ޤައުމުތަކަށް ލިބޭ އާމްދަނީއަށް ބެލުމެއްނެތި ހަމަހަމަކަމާއިއެކު މިވެކްސިން ފޯރުކޮށްދިނުމަށް ބާރުއަޅައި އެކަމަށް އިސްނަގައިގެން މަސައްކަތްކުރާ ފަރާތެކެވެ.

ކަލަމްބޯޕޭޖް އޮންލައިންގައި ބުނެފައިވާ ގޮތުގައި ޝްރީލަންކާގެ ކެބިނެޓްގެ ވަޒީރުން ކޮންމެ ހަފްތާއަކު ބާއްވަވާ ބައްދަލުވުމުގައި ހޯމަދުވަހު ވަނީ ކޮވިޑް-19 ވެކްސިން އުފައްދާ ފަރާތްތަކާއެކު އެއްބަސްވުން ޤާއިމްކުރުމާބެހޭ އެންމެ ފަހުގެ މަރުޙަލާއަށް ހުއްދަ ދީފައި ކަމުގައެވެ. މި ހުއްދަ ކެބިނެޓުން ދީފައިވަނީ ކޮވެކްސް ފެސިލިޓީގެ އުޞޫލުތަކުގެ ތެރޭން ވެކްސިން ލިބޭނެގޮތް ހެދުމަށް ކަމަށް ބުނެފައިވެއެވެ.

ކޮވިޑް-19: އެއްބައިވަންތަކަން މުހިންމު

ކޮވެކްސް ފެސިލިޓީގެ އިސްނެގުމުގައި ވަނީ ސަރުކާރުތަކާއި ބޭސް އުފައްދާ ފަރާތްތައް އެއްގަލަކަށް އަރުވައިގެން ހަމަހަމަ ކަމާއެކު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން ކަށަވަރު ކުރުމެވެ.

އަދި ބޭސް ބޭސް އުފެއްދުމުގައި އެއްބާރުލުން ދިނުމާއެކު ރައްކާތެރި އަދި ކާމިޔާބު ވެކްސިން އެންމެނަށް ދެވޭނެ ގޮތްތަކަށް މަސައްކަތް ކުރުމެވެ.

މި ފެސިލިޓީގެ ތެރެއިން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމާއި ތަރައްޤީ ކުރުމުގެ އިތުރުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ކޮވިޑް-19 ގެ ވެކްސިން އުފެއްދުމާއި ލިބޭނެ ގޮތްވަނީ ހަލުވި ކުރެވިފައެވެ.

ކޮވެކްސް ފެސިލިޓީގެ ބެލުމުގެ ދަށުން އަވަސްގޮތެއްގައި ވެކްސިން ލިބުމަށް ޝަރުޠު ފުރިހަމަވާ ޤައުމުތަކުގެ އާބާދީގެ 20 އިންސައްތައަށް ކޮވިޑް-19 ވެކްސިން ދެވޭނެއެވެ. އަދި ހަމަ އެއާއެކު ބަލިމީހުން ބެލުމާއި ފަރުވާއާއި ވެކްސިން އުފެއްދުމުގެ ކަންކަންވެސް މިތާނގެ ދަށުން ބެލެހެއްޓިގެންދެއެވެ.

ޝްރީލަންކާއިންވަނީ ކޮވެކްސް ފެސިލިޓީއާއި ގަވީ ނުވަތަ ގްލޯބަލް އެލަޔަންސްފޯރ ވެކްސިން އެންޑް އިމުނައިޒޭޝަންގައި ކުރީއްސުރެ ބައިވެރިވެފައެވެ. ޑަބްލިޔު އެޗްއޯވެސް ހިމެނޭ ގަވީއާއި ކޮވެކްސްއިންވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޝްރީލަންކާއަށް ވެކްސިން ލިބުމުގެ ޝަރުޠު ފުރިހަމަވާކަން ކަށަވަރު ކޮށްދީފައިވެއެވެ.

މިފަރާތްތަކުން ޤައުމުތަކަށް އަންގައިފައިވަނީ ވެކްސިން ހޯދުމަށްޓަކައި ދެފިޔަވައްސަކުން ހުށަހެޅުމަށެވެ.

އެގޮތުން ފުރަތަމަ ބައިގާ ހިމެނބޭ މައުލޫމާތުތަކުގެ ތެރޭގައި ވެކްސިން ދިނުމަށް އަމާޒުކުރާ ގުރޫޕާއި ވެކްސިން ރައްކާކޮށް ގުދަން ކުރުމުގެ ޤާބިލްކަމާއި އެނޫންވެސް ޓެކްނިކަލް މަޢުލޫމާތު ހިމެނެއެވެ.

ޝްރީލަންކާ ސަރުކާރުން ބުނެފައިވަނީ މި މަޢުލޫމާތުތައް ފާއިތުވި އަހަރުގެ ޑިސެމްބަރު 7 ގައި ހުށަހަޅައިފައިވާނެ ކަމުގައެވެ. އަދި ދެވަނަ ފިޔަވަހީގައި ވެކްސިން ލިބުމާއި ކަމާގުޅޭ އެހެނިހެން އެއްބަސްވުންތައް ކަމަށް ބުނެއެވެ.

މި އޮންލައިނުގައި ބުނެފައިވާ ގޮތުގައި ޝްރީލަންކާގެ ޞިއްޙަތާބެހޭ ވަޒީރު ޕަވިތުރާ ވައްނިއައްޗިގެ ވެކްސިނާބެހޭ 2 ވަނަ ފިޔަވަހީގެ ހުށަހެޅުއްވުމަށްވެސް ކެބިނެޓުންވަނީ ހުއްދަދީފައެވެ.

އަދި ކޮވެކްސް މެދުވެރިކޮށް ވެކްސިން އެކަށައެޅުމާބެހޭ އެއްބަސްވުން ބަންޑާރަ ނައިބުގެ ލަފަޔާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކެބިނެޓުން ދިން ހުއްދައިގާވާ ކަމަށް ނޫހުން ބުނެއެވެ.

ކޮވިޑް-19: ރައްކާތެރިކަން ކަށަވަރު ވެކްސިނަކަށްވާނެ ޖެހޭ

ކޮވިޑް-19 އާއި ދެކޮޅަށް ހޯދިފައިވާ ވެކްސިންތަކުގެ ތަފާތު ބާވަތްތައް އޮޅުވައިލައިގެން އަދި ހުއްދަ ނުލިބޭ ވެކްސިންތައް ވިއްކަމުން ގެންދާކަމުގެ މަޢުލޫމާތުތައް ދުނިޔޭގެ މީޑިއާތަކުން ގެންދަނީ ހާމަކުރަމުންނެވެ.

އެހެންވީމާ މި ނުރައްކާތެރި ބައްޔަށް ހޯދާ ވެކްސިނަކީ ކަށަވަރު އަދި އިންސާނުންނަށް ރައްކާތެރި އެއްޗަކަށްވާނެ ޖެހެއެވެ.