އިންޑިއާއިން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަކީ ރާއްޖެއިން ކޮވިޑް ބަލި ނައްތާލުމުގެ ފެށުންކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، މިއަދު އެއާ އިންޑިއާގެ ފްލައިޓެއްގައި ރާއްޖެއަށް އެސްޓްރާޒޮނެކާގެ 100،000 ޑޯޒް ވެކްސިން ލިބޭނެކަމަށާއި، އެއީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯޒްތަކެއްކަމަށެވެ.

މިއީ ރާއްޖެއިން މި ނުރައްކާތެރި ވައިރަސް ނައްތާލުމުގެ ފެށުންކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިމާވާ ކޮންމެ ނުރައްކާތެރި ކަމެއްގައި ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އިންޑިއާކަމަށެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3، ގައި ރާއްޖެއަށް ދިން ހަމަލާގެ އިތުރުން ފެނުގެ ދަތިކަންދިމާވި އިރުވެސް އިންޑިއާގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ސަރުކާރުން އަބަދުވެސް އަވަށްޓެރި ގައުމުތަކުގެ ސަލާމަތީ ކަންކަމަށް އިސްކަން ދިނުމުގައި ދެމިތިބޭތީ، އިންޑިއާގެ ސަރުކާރަށް ވެސް ޝުކުރު އަދާކުރައްވާކަމަށް ރައީސް ނަޝީދުގެ ޓުވީޓުގައިވެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެގައުމުގެ ބޭސް އުފައްދާ އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ފުރަތަމަ ޝިޕްމަންޓް މިއަދު ދިވެހިރާއްޖެއަށް ފޮނުވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވެއެެވެ.

ފުރަތަމަ ފޮނުވާ ޝިޕްމަންޓްގައި ހިމެނޭ ވެކްސިން ޑޯޒްގެ އަދަދަކީ، ރާއްޖޭގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭވަރު އަދަދެއް ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.