ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށާ އަމާޒަކީ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ޤައުމާއި މުހާތަބް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށާ އަމާޒަކީ ރާއްޖޭގައި ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގައި ހިލޭ ވެކްސިން ދިނުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް ކަމަށެވެ. އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ރައީސް ވަނީ ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށެވެ..

ކޮވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މިބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ޤައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަަމށެވެ.

ވޭތުވެދިޔަ 10 މަސްދުވަހަކީ، ކޮވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރި ދުވަސްތަކެއް. އެތައް ބައެއްގެ ވަޒީފާ ގެއްލުނު. އެތައް ޢާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ. ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި. މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު. ޢާއިލާތަކުގެ މެންބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެންޖެހުނު. ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރި."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

ރައީސްގެ ވާހަކަފުޅުގައި ވެކްސިން ލިބުނަސް ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަމަލުކޮށް، ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ، ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވާލެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ..