އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒް މިއަދު ރާއްޖެ ގެނެސްފިއެވެ.

އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ފްލައިޓެއްގައި ރާއްޖެއަށް ވެކްސިން ގެނެސްފައިވަނީ މިއަދު މެންދުރު 14:00 ގައެވެ. ވެކްސިންއާ ރާއްޖެއިން ހަވާލުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، ހެލްތް މިނިސްޓަރު އަހުމަދު ނަސީމްއެވެ.

ރާއްޖޭގެ އާބާދީގެ ބައި ލައްކަ މީހުންނަށް މި ވެކްސިން ދޭނެކެމަށް ސަރުކާރުން ބުނެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެގައުމުގެ ބޭސް އުފައްދާ އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެސްފައިވާއިރު، މިވެކްސިން ރައްޔިތުންނަށް ދެވޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހުކަމަށާއި، އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުންކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން ބުނެއެވެ.

މިޝިޕްމަންޓްގެ އިތުރުން މިހާތަނަށް ވަނީ ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއި އެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެއިތުރުން ކޯވެކްސް ފެސިލިޓީގެދަށުން އާބާދީގެ 20 އިންސައްތައަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. މި ވެކްސިންތައް ކުރިޔަށް އޮތް ތިން މަސް ތެރޭ ލިބޭނެކަމަށްވަނީ ބެލެވޭކަމަށް އެ ސެންޓަރުން ބުނެއެވެ.

މިއަދު ރާއްޖެ ގެނެސްފައިވާ ވެކްސިން ދޭނީ އެންމެ ފުރަތަމަ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނަށެވެ. އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި އެއަށްފަހު 18-50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނަށާއި، ޓީޗަރުން، ޕޮލިހުން، ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަވެސް ވެކްސިްނ ދޭނެއެވެ.

މިވަގުތަށް ކުޑަ ކުދިންނާއި މާބަނޑު މީހުން ނުހިމެނޭކަމަށާއި، ސަބަބަކީ އެފަރާތްތަކުގެ ޓްރައަލްސް އަދި ނިމިފައި ނުވާތީކަމަށް އެޗްއީއޯސީން ބުނެއެވެ.

އާ ވެކްސިން އެއް ޖެހުމަކީ ބޮޑު ތައްޔާރީތަކެއް ވާންޖެހޭ ކަމެއްކަމަށާއި، މި ވެކްސިން ޖަހަން ފަށާނީ ވާން ޖެހޭ ހުރިހާ ތައްޔާރީތައް ރަނގަޅަށް ވުމަށް ފަހުކަމަށްވެސް އެޗްއީއޯސީން މައުލޫމާތުދެއެވެ.

އިންޑިއާ ސަރުކާރުން ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައިވާއިރު، އިންޑިއާއިން އަންނަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.