ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް ބަތަލު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު ތިއޭޓަރ ރިލީޒްއަކަށް ތައްޔާރުވަމުންދާ ކަމަށް ސަލްމާން ބުނެފިއެވެ.

އިންޑިއާގެ އެކި ސަރަހައްދުތައް ހިމެނޭގޮތަށް ތިއޭޓަރ އެކްޒިބިޓަސް އެސޯސިއޭޝަނުން ވަނީ، ކޮވިޑް-19 ގެ ޕެންޑަމިކްގެ ސަބަބުން ތިއޭޓަރ ވިޔަފާރިތަކަށް ލިބިގެންދިޔަ ގެއްލުން ފޫބެއްދުމުގެގޮތުން ސަލްމާން ޚާންގެ "ރާދޭ" ތިއޭޓަރގައި ރިލީޒްކުރުމަށް އެދިފައެވެ.

މިފިލްމުގެ ކޮޕީރައިޓްސް މިވަގުތު ހަމައެކަނި ލިބިފައިވާ ޑިޖިޓަލް ޕްލެޓްފޯމަކީ މަޝްހޫރު ޒީ ނެޓްވޯކްއެވެ.

ޒީ ނެޓްވޯކާއެކު ރާދޭގެ ޓީމުން ކުރިއަށްގެންދިޔަ މަޝްވަރާއަށްފަހު ތިއޭޓަރ އެސޯސިއޭޝަން އެދިފައިވާގޮތަށް ފިލްމު ތިއޭޓަރ ތަކުގައި ރިލީޒްކުރަން ނިންމިކަން އެކްޓަރު ސަލްމާން ޚާންވަނީ އިންސްޓަރގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

ސަލްމާން ޚާން ބުނެފައިވާގޮތުގައި ފިލްމު ތިއޭޓަރުތަކުގައި ރިލީޒްކުރަން އޭނާ ނިންމާފައިވާ ނިންމުމުގެ ބަދަލެއްގެ ގޮތުން އޭނާ ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ ތިއޭޓަރުތަކަށް ފިލްމު ބަލަން ވަންނަ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ކޮވިޑް-19 އާ ގުޅިގެން ސިއްޙީ ދާއިރާތަކުން ނުވަތަ ކަމާބެހޭ ދާއިރާތަކުން ނެރެފައިވާ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމެވެ.

2021 ވަނަ އަހަރުގެ ފިތުރު ޢީދާ ދިމާކޮށް ފިލްމު ނެރެން ގަސްތުކޮށްފައި ވާއިރު މިއީ ސަލްމާންގެ ފަރާތުން އޭނާގެ ފޭނުންނަށްދޭ ޢީދު ހަދިޔާއެއްކަމަށް ސަލްމާންވަނީ ބުނެފައެވެ.

ތިއޭޓަރ އެސޯސިއޭޝަންގެ އިތުރުން އެދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ދެކޭގޮތުގައި ތިއޭޓަރ ވިޔަފާރިއަށް އައިސްފައިވާ ހީނަރުކަން ފިލުވައިލެވޭނީ ސަލްމާން ފަދަ ބްލޮކްބަސްޓަރ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ތަރިންގެ ފިލްމު ސިނަމާތަކުގައި އަޅުވައިގެންނެވެ.

މަޝްހޫރު ކޮރިއެގްރަފަރ ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ "ރާދޭ- ޔޯ މޯސްޓް ވޯންޓެޑް ބާއީ" ގެ ކާސްޓުންގެ ތެރޭގައި ސަލްމާންގެ އިތުރުން ބަތަލާ ދީޝާ ޕަތާނީ، ޒަރީނާ ވަހަބް އަދި އެކްޓަރު ޖެކީ ޝްރޮފް އަދި ރަންދީޕް ހޫޑާ ހިމެނެއެވެ.

މިފިލްމަކީ ސަލްމާން ޚާންގެ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ ފިލްމެކެވެ. ފިލްމުގެ ކޯ ޕްރޮޑިއުސަރުންގެތެރޭ ސަލްމާންގެ އިތުރުން އޭނާގެ ކޮއްކޮ ސުހައިލް ޚާންވެސް ހިމެނެއެވެ.