އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ، ޓެސްޓުކޮށް ނަތީޖާވެސް ލިބިފައިވާ އިތުބާރުކުރެވޭ ވެކްސިނެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒްއާ ހަވާލުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ، ކޮވިޑް-19 ގެ މިއުނދަގޫ ވަގުތުގައި ދިވެހިރާއްޖެއަށް އެހީވުމައްޓަކައި އިންޑިއާގެ އިދާާރާތަކުން އިސްނަގައި، ވެކްސިން ފޯރުކޮށްދީ، ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ހިންދީ ބަހުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ކޮންމެ ވަގުތެއްގައި ވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީގެ އަތް ދިއްކޮށްލާ ގައުމުކަމަށް ވިދާޅުވެ، އަބަދުވެސް ރާއްޖެއާއެކު އޮންނަކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިޔާއިން އެޤައުމުގެ ރައްޔިތުންނަށް ވެކްސިން ޖަހަން ފެށިތާ 4 ދުވަސް ނުވަނީސް އަވަށްޓެރި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުުގެ މަސައްކަތް ފެށިކަމީ އިންޑިޔާގެ ބަދަހި އެކުވެރިކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

އަވަށްޓެރިންގެ ތެރެއިންވެސް އެންމެ ފުރަތަމަ ދިވެހިރާއްޖެ އިސްކުރުކަމީ އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމުގެ ހަރުދަނާކަމާއި، ބަދަހިކަން ހާމަކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުނަށް ބޭނުންވާ ހުރިހާ ވެކްސިން ލިބޭނެ މަގު މިހާރުވަނީ ކަށަވަރުވެފައި. ﷲގެ ހެޔޮ ރަހުމަތް ފުޅާއި، އިރާދަފުޅުން އަޅުގަނޑުމެން އެވެކްސިން ރާއްޖެއަށް ގެންނަމުން ގެންދާނަން. މިލިބުނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި، އެސްޓްރާޒެނިކާ ކުންފުނީގެ ރިސާޗުގެ މައްޗަށް ބިނާކޮށް، އިންޑިޔާގެ ސިރަމް އިންސްޓިއުޓުން އުފައްދަވާފައިވާ ކޯވިޝީލްޑްގެ އެއްލައްކަ ޑޯޒް. މިއީ 3 ލެވެލްގެ ޓްރެއިލް ނިންމާފައިވާ ރައްކާތެރި ވެކްސިނެއް. ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެބޮޑު ވެކްސިން އުފައްދާ އިންސްޓިޓިއުޓް. މި އިންސްޓިޓިއުޓުން އަހަރަކު 1.5 ބިލިޔަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ދަނީ އުފައްދަމުން."
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ދުނިޔޭގެ 170 ގައުމެއްއްގެ 65 އިންސައްތަ ކުޑަކުދިންނަށް، ސިރަމް އިންސްޓިޓުޓުން އުފައްދާ އެހެނިހެން ވެކްސިން ޖަހަމުން ގެންދާކަން މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ފެނުނު ދުވަހުން ފެށިގެން އެބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެންދެވީ ވަރަށް ހަރުދަނާ ކަމާއެކު އަޅުއްވަމުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ޓާސްކްފޯހެއް އުފައްދަވައި، ސީދާ ރައީސުލްޖުމްހޫރިއްޔާ އެޓާސްފޯސް ޗެއާކުރައްވައި ކޮންމެ ދުވަހަކު ހާލަތު އޮޅުންފިލުއްވައި ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން، އޭގެ ނަތީޖާއާހަމައަށް މިއަދު މިވަނީ ވާސިލް ވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބިފައިވާއިރު، ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެދަށުން އާބާދީގެ 20 އިންސައްތައަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މި ވެކްސިންތައް ކުރިޔަށް އޮތް ތިންމަސް ތެރޭ ލިބޭނެކަމަށްވަނީ ބެލެވޭކަމަށް އެ ސެންޓަރުން ބުނެއެވެ.