އެކްޓަރު އަކްޝޭ ކުމާރުގެ ހޮރަ ކޮމޭޑިއަން ފިލްމު "ލަކްޝްމީ" ޑިޖިޓަލް ޕްލެޓްފޯމްއަކަށް ދޫކޮށްލުމަށްފަހު އޭނާގެ ކުރިއަށް އޮތް ފިލްމު "ބެލް ބޮޓޮމް" ވެސް ޑިޖިޓަލް ޕްލެޓް ފޯމްއަކުން ރިލީޒްކުރާނެކަމަށް ބެލެވެން ފަށައިފިއެވެ.

ބޮލީވުޑްގެ އޭ ލިސްޓު ތަރިންގެތެރެއިން އަކްޝޭ ހިމެނިފައިވަނީ، އެންމެ ފުރަތަމަ ޑިޖިޓަލް ޕްލެޓްފޯމްއަކުން ފިލްމު ރިލީޒްކުރުމަށް ނިންމި އެކްޓަރުންގެ ތެރޭގައެވެ.

ބެލެވޭގޮތުގައި އަކްޝޭގެ "ބެލް ބޮޓޮމް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އެމޭޒަން ޕްރައިމްއިންނެވެ.

ޚަބަރު ލިބޭގޮތުގައި ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ޖެކީ ބަގްނާނީ އަދި ވަޝޫ ބަގްނާނީ ދަނީ އެމޭޒަންއާއެކު ފިލްމު ރިލީޒްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. ކުރިއަށްއޮތް މަހެއްހާ ދުވަހުގެތެރޭ މިކަމަށް ގޮތެއް ނިންމާނެކަމަށް މީޑީއާއިންވަނީ ބުނެފައެވެ.

މީގެކުރިން އަޑުއަރާފައިވާގޮތުން ފިލްމު "ބެލް ބޮޓޮމް" ނެރެން ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ސޫރްޔަވަންޝީ" ރިލީޒްކުރުމަށްވެސް ހަމަޖެހިފައިވަނީ މިދުވަސްވަރާ ދިމާކޮށްކަމުން ދެފިލްމު އެއްކޮށް ރިލީޒް ނުކުރުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވަނީ ނިންމާފައެވެ.

އިންޑިއާގެ ސިނަމާތައް އާއްމުންނަށް ހުޅުވާލާފައިވާ މިދަނޑިވަޅުގައި ޑިޖިޓަލް ރިލީޒްއަކަށް ނުދިޔަނަމަވެސް ފިލްމު ސިނަމާތަކުގައި އަޅުވައިގެންވެސް ވިޔަފާރީގެގޮތުން ގެއްލުމެއް ނުލިބޭނެކަމަށް ފިލްމީ ދާއިރާގެ އެނަލިސްޓުން އަންދާޒާކުރެއެވެ.

ކުރީގެ ފިލްމީތަރި ޕޫޖާ ބަޓްގެ ޕޫޖާ އެންޓަޓެއިންމެންޓެއިން ގެނެސްދޭ މިފިލްމުގެ މެއިން ލީޑްއިން ފެނިގެންދާނީ އަކްޝޭ ކުމާރުގެ އިތުރުން ހުނަރުވެރި ބަތަލުންކަމަށްވާ ވާނީ ކަޕޫރާއި، ހުމާ ގުރެއިޝީ އަދި ލާރާ ދައްތާއެވެ.

މިއީ މީގެކުރިން މުޅީންވެސް ޔާޝް ރާޖް ފިލްމްސްގެ އުފެއްދުންތަކުން ފެނިފައިވާ ބަތަލާ ވާނީ ޔާޝް ރާޖް ފިލްމްސްއިން ބޭރުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.