ރާއްޖޭގެ ރިސޯޓްތަކުގައި ކޮވިޑް-19 ގެ 186 އެކްޓިވް ކޭސް މިވަގުތު އުޅޭކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ މިވަގުތު 6 ރިސޯޓެއްގައި އެކްޓިވް ކޭސް އެބައުޅޭ ކަމަށެވެ.

އެގޮތުން އޮޅުވެލި ރިސޯޓުން ޖުމްލަ 78 ކޭސް ފެނިފައިވާ ކަމަށާއި އިއްޔެ އެކަނިވެސް އެރިސޯޓުން 14 ކޭސް ފެނިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން އޮބްލޫ ސެލެކްޓް ސަންގެލީގައި 70 ޕޮޒިޓިވް ސްޓާފުން ފެނިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި 70 މީހުންގެ އިތުރަށް 65 ކޮންޓެކްޓުން އެ ރިސޯޓުގައި އެބަތިތި ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަނަންތަރަ ކިހަަވަކުން 5 ކޭސް ފެނިފައިވާއިރު މީގެތެރެއިން 4 ކޭސް ފެނިފައިވަނީ އިއްޔެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ

އިރުވެލި ރިސޯޓުން 5 ކޭސް ފެނިފައިވާއިރު، އެރަށުން ބަލީގެ އަލާމާތްތައް ހުރި ދެމީހަކު ފެނިގެން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އިއްޔެ އެކަކު ޕޮޒިޓިވްވެފައި ވެއެވެ. އެރިސޯޓުގައި ރެންޑަމް ސާމްޕަލްތައް އަދިވެސް ނަގަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ރެސިޑެންސް މޯލްޑިވްސްގައި ޖުމްލަ 14 މީހަކު ޕޮޒިޓިވް ކޭސަސްގެ ގޮތުގައި އެބަތިބި ކަމަށާއި، އަދާރަން ކްލަބް ރަންނާޅި ރިސޯޓުގައި 13 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

"ރިސޯޓްތަކުގެ ކޭސަސްތަކާއި ގުޅިގެން ހަމަ ސިމްޓަމެޓިކް މީހުން ހޯދުމާއި، ބަލީގެ އަލަމާތްތައް ހުރި މީހުން ހޯދައި، އެމީހުންގެ ސާމްޕަލް ނެގުމާއި، ކޮންޓެކްޓުން ޓްރޭސްކޮށްފަ ކޮންޓެކްޓުންގެ ސާމްޕަލް ނެގުމާއި އަދި އޭގެއިތުރަށް ރިސޯޓުގެ ރެންޑަމް ސާމްޕަލް ނެގުންވެސް ކުރިޔަށްދޭ. މިގޮތުން މި ރިސޯޓްތަކުގެ އިތުރު ކޭސްތައް އައިޑެންޓިފައި ކުރެވެމުން މިދަނީ."
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގް

ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ ރިސޯޓެއްވެސް ވަކި ވަކިން މޮނިޓަރ ކުރަމުންދާ ކަމަށާއި، ކޮންމެ ރިސޯޓަކަށްވެސް ވަކިވަކިން އެ ރިސޯޓެއްގެ ހަލަތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތުތައް ދެމުންދާ ކަމަށެވެ.