ރާއްޖެއަށް ކޮވިޑްވެކްސިން ގެނެސްފައި ވީނަމަވެސް، ވެކްސިން ޖަހަންފަށާނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން، ޑަބްލިޔުއެޗްއޯއިން ހުއްދަދިނީމަ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، ދުނިޔޭގެ އެންމެ ފުރަތަމަ ވެކްސިން ޖަހަންފެށި، އިނގިރޭސިވިލާތުންވެސް ވެކްސިން ޖަހަންފެށީ ޑަބްލިޔުއެޗްއޯއިން ހުއްދަ ދިނުމުން ކަމަށާއި، ރާއްޖޭގައިވެސް ވެކްސިން ޖަހަން ފަށާނީ އެއޯގަނައިޒޭޝަނުން ހުއްދަ ދިނުމުން ކަމަށެވެ.
ވެކްސިން ޖަހަން ފާށާނީ އެކަމށް ފުރިހަމަޔަށް ތައްރާރުވެ، ވެކްސިންގެ ރަޖިސްޓްރޭޝަން ޕްރޮސެެސްކޮށް އެކަމަށް ފުރިހަމަ ކުރަންހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަކޮށް، ވެކްސިނަކީ ރައްކކާތެރި ވެކްސިނެއްކަން ކަށަވަރު ކުރުމަށްފަހުކަމަށް ޑރ. ނަޒަލާ ވިދަޅުވިއެވެ.
ކޮވިޑުން ރައްކާތެރިވުމަސް ކުރާ އެންމެ މުހިންމު ކަމަކީ ވެކްސިން ހޯދައި އެ ވެކްސިން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ، އެކަމަށްޓަކައި ރާއްޖޭގެ ހާރިޖީ ވުޒާރާއިން، ދުނިޔެގެ ވެކްސިން އުފައްދާ ކުންފުނިތަކާއި، ބޭރު އެކި ގައުމުތަކާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
އިންޑިއާއިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ އެއްލައްކަ ޑޯޒް އިއްޔެ ރާއްޖެ ގެނެސްފައިވާއިރު، ރާއްޖެ ގެނެސްފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެގައުމުގެ ބޭސް އުފައްދާ އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ގެ ނަަމުން ނަން ދީފައިވާ ވެކްސިނެވެ.
މިޝިޕްމަންޓްގެ އިތުރުން، ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއެކު ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މީގެއިތުރުން ކޮވެކްސް ފެސިލިޓީގެދަށުން އާބާދީގެ 20 އިންސައްތައަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. މިވެކްސިންތައް ކުރިޔަށް އޮތް ތިންމަސް ތެރޭ ލިބޭނެކަމަށް ބެލެވޭކަމަށް އެ ސެންޓަރުން ބުނެއެވެ.
އިއްޔެ ރާއްޖެ ގެނެސްފައިވާ ވެކްސިން ދޭނީ އެންމެ ފުރަތަމަ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނަށެވެ. އެއަށްފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.
އަދި އެއަށްފަހު 18-50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނަށާއި، ޓީޗަރުން، ޕޮލިހުން، ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަވެސް ވެކްސިން ދޭނެއެވެ.