"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.

ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"

****

(14 ޖެނުއަރީ 2021 އާ ގުޅޭ)

ހަރުގެތެރެއިން ނުކުތް މީހުން އެކި ދިމަދިމާއަށް ހިނގައި ގަނެފިއެވެ. ކަރަންޓު އަތުވެދާނެ ކަމުގެ އިންތިޒާރުގައި ދެ އާއިލާގެ އިސް މީހުން ހަރުގެ ތެރޭގައި ތިއްބެވެ. އަތުފޯނުން ދިމަދިމާއަށް ގުޅުމާއި އަލި ކުރުމުގައެވެ. ބައެއް ފަހަރަށް މީހުންގެ ލޮލަށްވެސް އަލި އެޅިގެން އަޑުލައި ހަދައެވެ. ހަލީމަގެ މޫނަށްވެސް ވަރަށް ގާތުގައި ހުރި މީހަކު އަލި ކުރުމުން ހިތްހަމަ ނުޖެހިގެން ހަރުގެއިން ބޭރަށް ނުކުމެއްޖެއެވެ. ހަރުގޭގެ ބޭރުގައި ހުރި ބޯކެޔޮގަސްތަކާ އުނިގަސްތަކުގެ މަލުން ވަރަށް މީރު ވަހެއް ވަނީ މުޅި ހިސާބަށް ވެރިވެފައެވެ.

ކުއްލިއަކަށް ހަލީމަގެ ކަންފަތް ދޮށުގައި ވަރަށް ވައި އަޑަކުން ވަރަށް ލޯބިން ހަލީމާއޭ ބުނެލި އަޑަށް ސިއްސައިގެން ގޮސް ބަލައިލިއިރު ފޫޓެއްހައި ގާތުގައި އިބުރާހިމު ހުއްޓެވެ. އޭނާ ހުރީ ހެވި ދިލިފައެވެ.

ހަލީމަ ކުޑަކޮށް ޖެހިލުންވެ ހުރެ ބުންޏެވެ. "މިތާ އިބުރާހިމު ކީއްތިކުރަނީ؟"

"ކަމެއް ނުކުރަން ހަލީމަ ފެނޭތޯ ހޯދައި ބަލަނީ." އިބުރާހިމު ބުންޏެވެ.

ހަލީމަ ބުނެލިއެވެ. "މިހާރު ހޯދިއަސް ކުރާނެ ފައިދާއެއް ނޯންނާނެކަން އިބުރާހިމަށް ރަނގަޅަށް އެނގޭނެހެން އަހަރެންނަށް ހީވަނީ."

"ތީ ކުށް ހީއެއް." އިބުރާހިމު ބުންޏެވެ. "އަދިވެސް މިހިތަކުން ތިޔަ ލޯތްބެއް ނުފިލާ. ސާޅީސްފަސް އަހަރު ވީ އިރުވެސް ހަމަ ހީވަނީ އެރޭތައް އަލުން ދިރިއްޖެހެން. އެ ދުވަސް ތައް އިޔާދަ ވެއްޖެހެން."

ބޭރުގައި ދިއްލާފައި ހުރި ފާނޫޒު ބައްތިއެއްގެ އަލިހުރީ އިބުރާހިމުގެ މޫނަށް އެޅިފައެވެ. އިބުރާހިމުގެ ލޮލުން ކަރުނަ ހިލޭތަން ހަލީމައަށް ރަނގަޅަށް ފެނެއެވެ. ފުންނޭވާއެއް ލަމުން ހަލީމަ ބުންޏެވެ.

"އަހަރެން............... " ހަލީމަބުނަން އުޅުނު ވާހަކަ މެދުކަނޑައިލީ ދަރިފުޅު މުހަންމަދު ރަޝީދު ގޮވައިލި އަޑަށެވެ.

"ދެން ދަނީ" ހަލީމަ ބުންޏެވެ.

ހަލީމަ ހިނގައިގަތުމުން އިބުރާހިމު ބުންޏެވެ. "އަހަރެން އަދިވެސް މިހިރީ އިންތިޒާރުގައި"

މުހަންމަދު ރަޝީދަށް އޭނާގެ މަންމަ، ހަރުގެ ތެރެއިން ފެންނަން ނެތީމާ ބޭރަށް ނުކުމެ ގޮވައިލީއެވެ. ހަލީމަ އައިސް ހަރުގޭގެ ދޮރުމައްޗަށް އެރި ތަނުން ކަރަންޓުގެ އަލިކަން ލިބިއްޖެއެވެ.

"މަންމަ ގެއްލިގެން މި ހޯދަނީ " މުހަންމަދު ރަޝީދު ބުންޏެވެ.

[މި ދަރިފުޅަށް މަންމަ އެހައި ފަސޭހައިން ގެއްލޭނެ ތަ؟] މުހަންމަދު ރަޝީދުގެ ކޮނޑުގައި ފިރުމައިލަމުން ހަލީމަ ބުންޏެވެ.

"ހަރުގެތެރޭގައި މީހުންގެ ލޮލަށް އަލިކުރާވަރުން އުނދަގޫ ވާތީ މަންމަ ބޭރަށް ނުކުތީ"

މުހަންމަދު ރަޝީދު އޭނާގެ މަންމަގެ ކޮނޑުގައި ފިރުމައިލަމުން ވާހަކަ ދައްކަންފެށިއެވެ. [އަހަރެން މިރޭ މިހިރީ ވަރަށް އުފަލުން. އެކަމަކު މިއުފަލުގައި ބައިވެރިވުމަށް ބައްޕަ މިރޭ މިތާނގައި ނެތްކަން ވަރަށް ދެރަ. އަދި މަންމަ ތިގޮތަށް އެކަނިވެރިކަން އިހުސާސް ކުރާތީ އަހަރެން ވަރަށް ދެރަވޭ. މަންމަވެސް.........] މިހާތަނަށް ވާހަކަ ދިޔައިރު މުހަންމަދު ރަޝީދަށް ގިސްލެވި އަޑުބެދޭ ގޮތްވެއްޖެއެވެ.

ހަލީމަ ވެސް ފެންކަޅިވެހުރެ ބުންޏެވެ. [މަންމަ މިރޭ ވަރަށް އުފާވެއްޖެ. ދަރިފުޅު މަންމައާއި ދޭތެރޭ ތިވަރަށް ވިސްނާތީ މަންމަގެ ލޯބި ދަރިފުޅާ ދޭތެރޭ އިހުނަށް ވުރެ ބޮޑުވެއްޖެ. މިހާ އުފާވެރި ރެއެއްގައި ރޯނެ ކަމެއްނެތް. ސަލްމާ އެއަންނަނީ ދަރިފުޅު ގެންދަން] މިހެންބުނުމާއެކު ދެމައިން އެއްފަހަރާ ހިނިތުންވެލިއެވެ.

ރޭގެ އުފާވެރި ކައިވެނީގެ ހަފުލާއަށް ފަހު އިހަވަންދޫން ކައިވެންޏަށް އައި އެންމެން ހެނދުނު ފުރަން ތައްޔާރުވެގެން ފިއްލަދޫގެ ބަނދަރަށް ޖަމާވާން ފަށައިފިއެވެ. ހަލީމަގެ އާއިލާ ފުރުވަން ވަރަށް ގިނަ މީހުން ބަނދަރަށް އައިސް ތިއްބެވެ. ތަފާތު ހަދިޔާވެސް ބައެއް މީހުން ގެނައެވެ. ހަލީމާގެ އާއިލާއާއި ފިއްލަދޫން އަނެއްކާވެސް އިތުރު އާއިލާއެއް ގުޅުނީއެވެ. ހަލީމައަށް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ދަނީ މިއަދު ކުރެވެމުންނެވެ. ރޭގައި ރަނގަޅަށް ނިދޭ ގޮތެއް ނުވިއެވެ. އިބުރާހިމު ދެއްކި ވާހަކަތަކާ އަދި ދަރިފުޅު ބުނި ވާހަކައިން ތަފާތު ވަސްވާސްތައް ހިތުގައި އުފެދުނީއެވެ.

ބަނދަރުގައި އިންދާފައި ހުރި ރުއްތަކުގެ ހިޔަލުގައި މީހުން ތިބިއިރު ތަންކޮޅެއް ދުރުގައި ހުރި ނިކަގަހެއްގެ އަޅޮލެއްގައި އެއްއަތުން ހިފަހަށްޓައިލައިގެން ބިންމައްޗަށް ބަލަހައްޓައިގެން އިބުރާހިމު ހުރިއިރު އޭނާއާ ދިމާއަށް އިރުއިރުކޮޅާ ވަރަށް ފުން ނަޒަރަކުން މީހަކު ބަލާކަމެއް އިހުސާސް ކުރެވޭހެނެއް ހިއެއް ނުވެއެވެ. އެއަށްވުރެ އިބުރާހިމުގެ ފިކުރު ވަނީ އެހެން ކަމެއްގެ ތެރެއަށް ގެއްލި ހުސްވެފައެވެ. އެކަން ދުރުގައި ބަލަން ހުރި ހަލީމައަށްވެސް އިހުސާސް ކުރެވެއެވެ.

އިބުރާހިމުގެ ޚިޔާލާ ފިކުރު ހުރީ ހަލީމަ ހޯދާނެ ގޮތަކާ ދޭތެރޭގައެވެ. އަދި ހަލީމަ ލިބުމުން އުފާ ކުރާނެ ގޮތާ ދިރިއުޅުމަށް އަންނާނެ ބަދަލާ ދޭތެރޭގައެވެ. އިބުރާހިމުގެ ދަރިން ހަލީމައާއި ހިތް ރުހިދާނެތޯ ކުރެވޭ ސުވާލެވެ. އަދި ކައިވެނި ކުރަން އާއިލާ މީހުންގެ ހިތްހަލާލު ލިބިދާނެ ތޯއެވެ؟

މި ފިކުރުގައި ހުއްޓައި އޮޑީގެ ފަޅުވެރިއަކު އައިސް ބުންޏެވެ. [އިބުރާހިމަށް ގޮވާތާ ކޮން އިރެއްތަ؟ ކޮން ޚިޔާލަކަށްތަ ގެއްލިފަ ތިހުރީ! މިރަށުން މީހަކާ ހިތާވީތަ؟ ރަށަށް ނުދާންތަ ތިހުރީ!] މިހުރިހާ ސުވާލުތަކަށް ދޭނެ ޖަވާބެއް އިބުރާހިމަކަށް ނޭނގުނެވެ. އަވަހަށް ހިނގާށޭ ބުނުމާއެކު ދެމީހުން އޮޑިޔާ ދިމާއަށް ހިނގައި ގެންފިއެވެ. އޮޑިއަށް އެންމެ ފަހުން އެރީ އިބުރާހިމެވެ. އިބުރާހިމް އެރުމާއެކު އޮޑި ނައްޓައިލައިފިއެވެ.

މިއަދަކީ ކުރީ ދުވަހަށްވުރެ ވެސް އުޑުމަތި ސާފު އުޑުގައި ވިލާރޮއްޖެއް ވެސް ނެތް ދުވަހެކެވެ. މުޅި އުޑު ފެންނަނީ ނޫކުލައިގައެވެ. ހިތްގައިމު ގޮތަކަށް ވައި ޖެހެވެ. ވައި ހުރީވެސް އިހަވަންދުއަށް ދާން ފައްސިޔަވާ ގޮތަށެވެ. ފިއްލަދޫގެ ފަޅުގައި އޮޑި ދުވެފައި ދާއިރު ހަލީމާގެ މޫނުމަތިން މިއަދު ފެންނަނީ ވަރުބަލިކަމާއި ނިދީގެ އަސަރެވެ. މިކަން ފާހަގަވާ މީހަކު އޮޑީގައި ހުރިހެނެއް ހިއެއް ނުވެއެވެ. އިބުރާހިމުގެ ކަމަކީ ހަލީމަގެ ހަރަކާތްތައް ބެލުމެވެ. ހަލީމަ މިފަހަރު ވެސް އިނީ ފިއްލަދުއަށް އައިއިރު އޮޑިގައި އިންތަނުގައެވެ. ހަލީމަގެ އުނގުގައި ބޯ އަޅާލައިގެން އިނީ އޭނާގެ ލަހުފާއެވެ. ތާއްޔާޖެހި ނިދޭ ގޮތްވިޔަސް އަދި އިނީ ކޮއްޅަށެވެ. މި މަންޒަރު ބަލަން ހުރި އިބުރާހިމަށް ކެތްނުވެގެން ފަޅުވެރިއެއްގެ އަތުން ބާލީހެއް ހޯދައިގެން ހަލީމަ ކައިރިއަށް އަތުވެއްޖެވެ. އަދި ވަރަށް ލޯބިން މަޑުމަޑުން ގޮވައިލައިފިއެވެ.

"ހަލީމާ މިއޮތީ ބާލީހެއް މީގައި ބޯއަޅައިލާ" މިއަޑަށް ދެބަދޭތެރޭގައިއިން ހަލީމަ ބުނެލިއެވެ. [އަހަރެން ދޫކޮށްނުލާތި! އަހަރެން ދޫ ނުކޮށްލާތި!.] މިހެން ބުނުމާއެކު އިބުރާހިމުގެ އަތުގައި ހިފައިފިއެވެ. އިބުރާހިމު ކުޑަކޮށް ހާސްވެހުރެ ހަލީމަގެ އަތުތެރެއިން އޭނާގެ އަތް ނައްޓައިލަން އުޅެނިކޮށް ހަލީމައަށް ހޭލެވިއްޖެއެވެ. އަދި އަވަހަށް އިބުރާހިމުގެ އަތުން ދޫކޮށްލައިފިއެވެ. ލަދުން އިސްޖަހައިލުމަށް ފަހު ބާލީހުގައި ހިފައިފިއެވެ. މަޑުމަޑުން މާފުކުރާށޭ، އަދި ޝުކުރިއްޔާ! އޭ ވެސް ބުނެލިއެވެ. މިބަސްތަކުން އިބުރާހިމަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. ބަސް ހުއްޓި ހިނގައިގަންނަން ނޭނގި އިރުކޮޅަކު ހުރެފައި މަޑުމަޑުން އޮޑީގެ ދިރުނބާކޮޅަށް ގޮސް ހިޔާކޮށްފައިވާ ބައިން ބޭރަށް ނުކުމެއްޖެއެވެ. (ނުނިމޭ)

--

އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 6 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.