ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ، ގދ. ތިނަދޫ، ގެލަ، އަލްއުސްތާޒާ އާމިނަތު އަބްދުﷲ ޒުހައިރުއެވެ. އެ ޓްރައިބިއުނަލްގެ ނައިބުރައީސްކަމަށް މ.ހާދޫ، އަލްއުސްތާޒް ހަސަން އިބްރާހީމް ވަނީ އައްޔަންކުރައްވަފައެވެ.
މި ދެ މަޤާމަށް ބޭފުޅުން އައްޔަންކޮށްފައިވަނީ ވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 88 ވަނަ މާއްދާގެ ބ ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ. މި ދެބޭފުޅުން މަޤާމަށް އައްޔަނުކޮށްފައިވަނީ އިއްޔެގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އައްޔަންކުރެއްވި އަލްއުސްތާޒާ އާމިނަތު އަބްދުﷲ ޒުހައިރަކީ 2019 މާރިޗު 25 އިން ފެށިގެން އެ ޓްރައިބިއުނަލްގެ މެންބަރެކެވެ.
އާމިނަތު އަބްދުﷲ އެމްޕްލޯއިމަންޓް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ކިންގސްޓަން ޔުނިވަރސިޓީއިންނެވެ. މީގެ ކުރިން އޭނަ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ލީގަލް އޮފިސަރގެ މަޤާމާއި، ނެޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓަންޓްގެ މަޤާމު ފުރުއްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޒް ހަސަން އިބްރާހީމަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ އަހަރުގެ މާޗްމަހުގެ 16 އިން ފެށިގެން އެ އޭނައަކީ އެ ޓްރައިބިއުނަލްގެ މެންބަރެކެވެ.
މީގެކުރިން ހަސަން އިބްރާހީމް ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ.