ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ދަމަހައްޓައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ 2019 ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރިކަމުގެ ދައުވާ ސާބިތުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވުމުންނެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އެނގޭއިރު، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާކަން ހެކިންގެ ބަހުންނާއި ކިތާބީ ހެކިން އެނގޭ ކަމަށެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޝައްކު އުފެދޭ ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއްކަން ހެކިތަކުން އެނގޭ ކަމަށްވެސް ހުކުމުގައި ވެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އިސްތިއުނާފީ 75 ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދެމެހެއްޓީ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްތުންނެވެ.

މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކީ ފަނޑިޔާރު ޙުސައިން މަޒީދު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒު އެވެ.