ކޮވިޑް ވެކްސިންގެ އެއްލައްކަ ޑޯޒް ހަދިޔާކުރިކަމަށްޓަކައި އަވައްޓެރި އިންޑިއާއަށް ޝުކުރުއަދާކުރަންޖެހޭކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ގެނެސްފައިވަނީ، މިމަހުގެ 20ވަނަ ދުވަހުގައެވެ.

މިކަމާ ގުޅިގެން ނިހާން ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، ދިވެހިންނަށް ފައިދާހުރި ކޮންމެ އެހީތެރިކަމެއް ކޮންމެ ފަރާތަކުން ފޯރުކޮށްދެއްވި ނަމަވެސް އުފަލާއެކު ދިވެހިން ބަލައިގަންނަށްވާނެ ކަމަށެވެ.

އިންޑިޔާއިން ދިވެހިންނަށް ހަދިޔާކުރި އެއްލައްކަ ޑޯޒް ކޮވިޑް ވެކްސިން އަށް ޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާ އޭ ބުނަން ވާނެކަމަށް ނިހާންގެ ޓުވީޓުގައި ވެއެވެ.

ވެކްސިންއާއި ރާއްޖެއިން ހަވާލުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، ހެލްތް މިނިސްޓަރު އަހުމަދު ނަސީމްއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެގައުމުގެ ބޭސް އުފައްދާ އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެސްފައިވާއިރު، މިވެކްސިން ރައްޔިތުންނަށް ދެވޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހުކަމަށާއި، އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުންކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން ބުނެއެވެ.

މިޝިޕްމަންޓްގެ އިތުރުން މިހާތަނަށް ވަނީ ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއި އެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެއިތުރުން ކޯވެކްސް ފެސިލިޓީގެދަށުން އާބާދީގެ 20 އިންސައްތައަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. މި ވެކްސިންތައް ކުރިޔަށް އޮތް ތިން މަސް ތެރޭ ލިބޭނެކަމަށްވަނީ ބެލެވޭކަމަށް އެ ސެންޓަރުން ބުނެއެވެ.

ރާއްޖެ ގެނެސްފައިވާ ވެކްސިން ދޭނީ އެންމެ ފުރަތަމަ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނަށެވެ. އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި އެއަށްފަހު 18-50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނަށާއި، ޓީޗަރުން، ޕޮލިހުން، ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަވެސް ވެކްސިްނ ދޭނެއެވެ.