ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު ނިމުނު އިރު ޓީސީ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެންމެ އާދައިގެ ސްކޮޑެއް އޮތް ޓީސީން ގަދަ ހަތަރެއް ކަށަވަރުކުރީ މިއަދު ހަވީރު ގްރީން ސްޓްރީޓްސް 0-1 ން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު 9 ޕޮއިންޓް ހަމަކޮށްގެންނެވެ. ގްރީން އަތުން ޓީސީ މޮޅުކޮށްދިން ލަނޑު ޖެހީ މޮޅަށް ކުޅެމުން އަންނަ ކެޕްޓަން މުޙައްމަދު އައްޒާމްއެވެ. ޓީސީން ވަނީ 7 މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، 3 މެޗު އެއްވަރުކޮށްފައެވެ.

އީގަލްސް މުހިއްމު ޕޮއިންޓެއް ހޯދީ ފުރަތަމަ ބުރުން އެއްވަނަ ހޯދި ޗެމްޕިއަން މާޒިޔާ ލަނޑެއްޖެހިޔަ ނުދީ ހިފަހައްޓައިގެންނެވެ. މުޙައްމަދު ޝިޔާޒު (މޯހަން)ގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ)ގެ ބެލުމުގެ ދަށުން އީގަލްސް ކުޅުނީ ފޯމޭޝަނާއި، ޓެކްޓިކްސްވެސް ބަދަލުކޮށްގެންނެވެ. ޑިފެންސަށް ވަރަށް ބޮޑަށް އިސްކަންދީގެން ކުޅުނު މެޗުގައި އީގަލްސްގެ ޑިފެންޑަރުން ވަރަށް ރަނގަޅަށް މަސައްކަތްކުރިއެވެ. މާޒިޔާގެ ހަމްޒާ މުޙައްމަދު ފޮނުވާލި ބޯޅަ ޒުވާން ޑިފެންޑަރ ހައިޝަމް ހަސަން ދިފާއުކުރީވެސް ގޯލްގެ ރޮނގުމަތިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އީގަލްސްގެ ޑިފެންޑަރ ނޫމާނެވެ.

މާޒިޔާގެ ހަމްޕު ބޯޅައާއެކު ކުރިއަށްދަނީ؛ ފޮޓޯ-އެފްއޭއެމް

ލަނޑުޖަހަން ދެން މާޒިޔާއަށް އެންމެ ރަނގަޅު ފުރުޞަތު ލިބުނީ އިބްރހީމް މަހުދީއަށާއި، ބަދަލުކުޅުންތެރިޔާ އަސަދުﷲ އަބުދުﷲއަށެވެ. އަސަދުﷲ ބޮލުން ފޮނުވާލިބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. މުޅި މެޗުގައި އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އީގަލްސްއަށެވެ. އެޓީމަށް ލިބުނު ޕެނަލްޓީ ހަސަން ރާއިފް ފޮނުވާލުމުން މާޒިޔާގެ ކީޕަރ ނިކޮލާ ދިފާއުކުރީއެވެ. ނާއިމް ފޮނުވާލި ބާރު ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗަށްފަހު ނިމާ ބުނީ މެޗަށް ނިކުތީވެސް އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދަން ކަމަށެވެ. ގިނަ ބަދަލުތަކަކާއެކު މެޗަށް ނިކުތީ ކުޅުންތެރިންނަށް ހިތްވަރު ދީގެންކަމަށާއި، އީގަލްސްގެ ރޫހުގައި ކިކްގައި ކުޅުންތެރިން ކުޅުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި އޭނާއަށް ކުޅުންތެރިން އިތުބާރުކޮށް، ވަރަށް ރަނގަޅަށް މަސައްކަތްކުރިކަމަށް ބުންޏެވެ.