މުއައްސަސާއެއް ކުރިއަރައި ދިއުމަށް މުވައްޒަފުންނަކީ ގާބިލް ބަޔަކަށް ވުމާއި، އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމްވެފައިހުރުމަކީ މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިފަދައިން ވިދާޅުވީ ފުލުހުންނަށް ހާއްސަކޮށްގެން ދޫނިދޫގައި އަޅާ އެކަމަޑޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ މުއައްސަސާއެއް ކުރިއަރައި ދިއުމަށްޓަކައި ނުވަތަ ހިދުމަތް ފުރިހަމަކުރުމަށްޓަކައި ދެކަމެއް ބޭނުންވާކަމަށެވެ.
އެގޮތުން މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ގާބިލްކަމާއި ހުނަރު އުފައްދައި އެކަމަށް ދޭ އަހަންމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމްވެ، ހާސިލްވެފައިހުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.
އަދި ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިއަދު ބިންގާ އެޅިގެންދާ މި އިމާރާތަކީ މިކަމުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ. މި އެކަމަދޭޝަން އިމާރާތްތަކުގެ ސަބަބުން ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއި ފަސޭކަމެއް ގެނެސްދީ، މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންގެ މުއައްސަސާ ތަރައްގީކުރުމަށާއި މުއައްސަސާގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
އަދި ފުލުހުންގެ މުއައްސަސާގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ހިދުމަތަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށާއި އެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް މަސައްކަތްކުރުންކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މިއަދު ބިންގާ އެޅިގެންދާ މި އިމާރާތަކީ ވަރަށް ބޭނުންތެރި އިމާރާތެއްކަމަށާއި މިއިމާރާތުގެ ސަބަބުން މުވައްޒަފުންގެ ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.
ދޫނިދޫގައި އަލަށް އިމާރާތްކުރާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅުކުރުމަށާއި ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން އާއި އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.
އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަ ފަންގިފިލާއަށް އިމާރާތްކުރާ މި އިމާރާތުގައި މެސްރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއް ހިމެނެއެވެ.