ކޮވިޑްގެ ހާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅައިފިއެވެ.

ކޮވިޑްގެ ޚާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސަޢޫދީ ޢަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަޢޫދީގެ ޚާރިޖީ ވަޒީރާއި އަދި ސަޢޫދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑުގެ ހާލަތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު ފޮރިން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އެގޮތުން މީގެ ކުރިންވެސް އަމަލުކުރާ ފަދައިން ޢުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުސޫލުތަކާއި އެއްގޮތަށް، މުޤައްދަޞް ދެ ޙަރަމުން ކުރެ ޙަރަމަށް ޢުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހައްދަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި ސަޢުދީ ޢަރަބިއްޔާއަށް ފުރުމުގެ 72 ގަޑިއިރުކުރިން ރާއްޖެއިން ކޮވިޑް-19 ގެ ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ލެބޯޓަރީއަކުން ހަދަފައިވާ ކޮވިޑް ޓެސްޓެއްގެ ނެގެޓިވް ނަތީޖާ އޮންނަންޖެހޭނެ ކަމަށާއި، ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮންނަންޖެހޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށްފަހު، ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި 3 ދުވަހަށް ކަރަންޓީނުވާންޖެހޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ޤަވާއިދުގައިވާގޮތުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މި ޙާއްސަ ހާލަތުގައި ހުއްދަ ދެނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.

ޢުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ޤައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލު ކުރުމުގައި ޙާއްސަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.