ހޮނިހިރުދުވަހު ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ހޯދި ފަލަ ސުރުހީއަކީ "ލެޖެންޑަރީ ޝޯ ހޯސްޓް 87 އަހަރުގައި މަރުވެއްޖެ" މިއެވެ. ލެރީ ކިންގްގެ މަރުވި ހަބަރު އިއުލާނުކުރީ އޭނާގެ ވެރިފައިޑް ފޭސްބުކު އެކައުންޓުން ހޮނިހިރުދުވަހު ހެނދުނު ކޮށްފައިވާ ޕޯސްޓެއްގައި ކިންގްގެ ފިރިހެން ދަރިފުޅު ޗާންސްއެވެ.

ލެރީ ކިންގަކީ ކާކު؟

ލެރީ ކިންގަކީ 25 އަހަރުގެ ދިގު މުއްދަތަކަށް އެމެރިކާގެ ކޭބަލް ނިއުސް ނެޓްވޯކް (ސީއެންއެން) ގައި މަސައްކަތް ކުރި ޕްރެޒެންޓަރެކެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ މީހުންނާއި އޭނާ އިންޓަވިއު ކުރިއެވެ. އެކި އަހަރުތަކުގައި ރައީސްކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންނާއި، ސެލެބްރިޓީން، މުނިފޫހި ފިލުވުމާއި ކުޅިވަރު ދާއިރާގެ މަޝްހޫރު ފަރާތްތައް، ފިލްމް ސްޓާރުން، އަދި އާމުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތްތައް ހިމެނޭހެން އޭނާގެ ޝޯތަކުގައި ޝައުގުވެރި އިންޓަވިއުތަކެއް ކުރިއެވެ."ލެރީ ކިންގް ލައިވް" ގެ ނަމުގައި އޭނާ ގެނެސްދިން ޝޯއަށް 6000 އަށްވުރެ ގިނަ އެޕިސޯޑް ރިކޯޑް ކުރުމަށްފަހު ރިޓަޔަރކުރީ 2010 ގައެވެ. ފަހުން 'އޯރާ މީޑިއާ' ގެ ނަމުގައި މީޑިއާއެއް އުފައްދާ ހޯސްޓެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރިއެވެ. ކިންގަކީ އޯރާ މީޑިއާގެ ކޯ-ފައުންޑަރެކެވެ. 63 އަހަރުވަންދެން އޭނާ ހޭދަކުރީ ރޭޑިއޯ، ޓީވީ، އަދި ޑިޖިޓަލް މީޑީއާގެ އެކި ޕްލެޓްޕޯމްތަކުގައި ހޯސްޓެއްގެ ރޯލު އަދާކުރި ކިންގަކީ ހުށަހެޅުމުގެ ދާއިރާގެ ފުންނާބު އުސް ތަޖްރިބާ ބޮޑު ފަރާތެކެވެ.އެމެރިކާގެ ރައީސުންނާއި ޕޮލިޓީޝަނުން، ސެލެބްރިޓީން އަދި އާންމުންނާއި އިންޓަވިއު ކުރުމުގެ އިތުރުން ދުނިޔޭގެ ނުފޫޒުގަދަ ލީޑަރުންނާއިވެސް އިންޓަވިއު ކުރެއްވިއެވެ. އޭގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިން އާއި ދަލައިލާމާ ފަދަ ފަރާތްތައް ފާހަގަ ކުރެވެއެވެ.

ސިއްހީ ގިނަ މައްސަލަތަކެއް ހުރި:

ކިންގްމަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް އާއިލާއަކުން ނުބުނެއެވެ. އެހެންނަމަވެސް ކިންގް މަރުވީ ލޮސް އެންޖެލިސްގައި ހުންނަ ސީޑާރސް ސިނައިން މެޑިކަލް ސެންޓަރުގައެވެ. މިދިޔަ ޑިސެމްބަރުގައި ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް ކިންގް ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ.އާއިލާއިން ބުނާ ގޮތައިގައި ކިންގްގެ އުމުރުގެ ފަހަތު ބައިގައި އޭނާއަށް އެކި ފަހަރު މަތިން ހާޓްއެޓޭކް ޖެހިގެންވެސް ފަރުވާ ހޯދާފައިވެއެވެ. އަދި ކުއިންޓިއުޕަލް ބައިޕާސް ސާރޖަރީއެއް ކޮށްފައިވެއެވެ.2017 ގައި ކިންގް ވަނީ އޭނާއަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާކަން ހާމަކޮށްފައެވެ. ކެންސަރަށްވެސް ފަރުވާ ކުރެއްވުމަށް ކުރި ސާޖަރީ ކާމިޔާބުވެ ކެންސަރުގެ ބަލިމަޑުކަމުން އޭނާއަށް އަރައިގަނެވުނު ނަމަވެސް 2019 ގައި ވަނީ ހިތުގެ ލޭ ހިންގުން ދަށްވެ މެއަށް ތަދުވެ ދިމާވާ (އަންގިއެނާ) ކިޔާ ސިއްހީ މައްސަލައަކަށްވެސް ފަރުވާ ކޮށްފައެވެ.ސިއްހީ މައްސަލަތަކުގެ އިތުރުން މިދިޔަ އަހަރު ކިންގަށް ވަނީ އޭނާގެ ދެދަރިންނާއިވެސް ވަކިވާން ޖެހިފައެވެ. ކިންގްގެ ފިރިހެން ދަރިފުޅު އޭންޑީ ކިންގް، 65އ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭގެ ހަފްތާއެއް ފަހުން އަންހެން ދަރިފުޅު ޗައިޔާ ކިންގް، 52 މަރުވީ ފުއްޕާމޭގެ ކެންސަރު ޖެހިގެންނެވެ.

ލެރީ ކިންގް މަރުވިއިރު ދުނިޔޭގައި ތިބީ އޭނާގެ 3 ފިރިހެން ދަރިންނެވެ.

ފޯޑްއިން ފެށިގެން އޮބާމާއަށް ހަމައަށް ހުރިހާ ރައީސުންނާ އިންޓަވިއު ކުރެއްވި:

މަޝްހޫރު ހުށަހެޅުންތެރިންގެ ތެރޭގައި މަގްބޫލުކަން ހޯދި ކިންގުގެ ހުށަހެޅުމުގެ ވައްޓަފާޅި އެހެން ހުށަހެޅުންތެރިންނާ ތަފާތެވެ. ފަސޭހަ ކަމާއެކު ޖަވާބުތައް ހޯދައިގަތުމުގެ އުކުޅު އޭނާގެ ކިބައިގައި ހުރެއެވެ. އަދި ވީހާވެސް އާދައިގެ ގޮތަކަށް އާންމުން ގަޔާވާގޮތަކަށް ސުވާލާއި ޖަވާބު ސެޝަންތައް ގެންދިއުމުގައި ލެރީ ކިންގަކީ މިހާރު އަރަމުން އަންނަ ހުށަހެޅުންތެރިއަކަށް ނަމޫނާއެކެވެ. އޭނާގެ ހުށަހެޅުމުގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ޝޯގައި ބައިވެރިވާ މެހެމާނު ވާހަކަ ދައްކާއިރު އިންޓަރަޕްޓެއް ނުވަތަ ނުހުއްޓުވާ އެމީހަކު ދައްކާ ވާހަކައެއް ކަނުލާ އަޑުއަހާނެއެވެ."އަހަންނަށް އެއްވެސް އެއްޗެއްދަހެއް ނުވޭ އަހަރެން ވާހަކަ ދައްކާއިރަކު" މިއީ ނޫސްވެރިކަމުގެ އެވޯޑްތައް ހާސިލްކޮށްފައިވާ ކިންގް އަތްމަތީ ޖުމްލައެކެވެ.

އެމެރިކާގެ ތާރީހުގައި ހިނގާދިޔަ މަޝްހޫރު ވޯޓަރގޭޓް ކޮރަޕްޝަންގެ ކަންތައްގަނޑާއި ގުޅިގެން އޭރުގެ ރައީސް އިސްތިއުފާ ދެއްވުމުން ދެން ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ޖެރަލްޑް ފޯޑްއާ ހަމައިން ބަރަކް އޮބާމާއާއި ހަމައަށް ރައީސްކަން ކުރެއްވި އެމެރިކާގެ ހުރިހާ ރައީސުންނާއި އިންޓަވިއު ކުރެއްވިއެވެ. އަދި ކުރީގެ ރައީސް ޑޮންލްޑް ޓްރަމްޕް އަދި ކުރީގެ ފަސްޓް ލޭޑީ މެލައިނާ ޓްރަމްޕްއާވެސް އޭނާވަނީ 2005 ވަނަ އަހަރު އިންޓަވިއު ކޮށްފައެވެ.

ކިންގަކީ އިންޓަވިއުތަކުގެ މާކުރިން ތައްޔާރުވާ ޕްރެޒެންޓަރެއްވެސް ނޫނެވެ. އޭނާ ހިޔާރުކުރަނީ އިންޓަވިއު ކުރިޔަށް ގެންދާއިރު އޭނާގެ ހިތުގައި އުފެދޭ ސުވާލުތައް އެ ޝޯއެއްގެ ބައިވެރިއަކާއި ކުރުމަށެވެ. ކިންގާއެކު ސީއެންއެންގައި މަސައްކަތް ކުރި ބައެއް މީހުން ބުނީ އިންޓަވިއުގެ ކުރިން ކިންގް ތައްޔާރު ކުރުވުމަކީ އެންމެ އުނދަގޫ ކަންތައް ކަމަށެވެ. މާ ދުރާލާ ސުވާލުތައް ތައްޔާރުކޮށްގެން ޝޯއަށް ތައްޔާރުވާން ބޭނުން ނުވިކަމުގައިވިޔަސް މުޅި ދުވަސް ހޭދަކުރަނީ ކިއުމާއި ޓީވީ ބެލުމުގައި ކަމުން އޭނާގެ މައުލޫމާތު މުއްސަނދި ކަމަށާއި، ޝޯ ތަކުގައި ބައިވެރިވާ މެހެމާނުން ދައްކާ ވާހަކަ ކަނުލާ އަޑުއަހާފައި ފެންވަރު ރަނގަޅު މޮޅެތި ސުވާލުތައް ވަގުތުން އުފައްދާލާކަމީ ލެރީ ކިންގްގެ ހާއްސަ ސިފައެއް ކަމަށް ސީއެންއެންގެ ބައެއް މީހުން ފާހަގަ ކުރެއެވެ.

ލެރީ ކިންގްގެ މަރުގެ ހަބަރު ލިބުމުން ސީއެންއެންގެ ފައުންޑަރ ޓެޑް ޓާނާރ ބުނީ "ލެރީއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އަހަރެންގެ ނަޒަރުގައި އޭނާއަކީ އޭނާގެ ދުވަސްވަރުގައި ދުނިޔޭގެ ވަރަށް ވަރުގަދަ ބްރޮޑްކާސްޓް ޖާނަލިސްޓެއް" ކަމަށެވެ.

ޓެޑް ޓާނާގެ ކެރިއަރުގައި ހާސިލްވި އެންމެ މުހިންމު ކަންކަމަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފިނަމަ ބުނާނީ ލެރީ ކިންގަށް ވަޒީފާ ދިނުން ކަމަށް އޭނާ ބުންޏެވެ. ކިންގަކީ ސީއެންއެންގެ ގިނަ އަދަދެއްގެ ނޫސްވެރިންގެ އެދުރެކެވެ. އޭނާއަކީ ގެއްލިގެންދިޔަ އަގުހުރި މީޑިއާ ޝަހްސިއްޔަތެކެވެ.

ނޯޓް: މައުލޫމާތު ނަގާފައިވަނީ ސީއެންއެންޑޮޓްކޮމް އިން